ސުވަރުގެ އެދިގެން ަމސައްކަތްކުރި ކޮންމެ މީހަކުވެސް ސުވަރުގެ ވައްދަވާނެތެވެ. ޙަދީޘްފުޅުން އެނގެން އޮތީ ސުވަރުގެ ވަންނަން ދެކޮޅު ނުހެދި ކޮންމެ މީހަކުވެސް ސުވަރުގެ ވައްދަވާނެ ކަމެވެ. ސުވަރުގެ ވަންނަ ދެކޮލު ހެދުމަކީ ކީރިތި ޤުރްއާނާއި ސުންނަތަށް ޢަމަލުނުކުރުމެވެ.
އިލްމުވެރިން ބަޔާންކުރައްވަވާގޮތުގައި ސުވަރުގެ އެދޭ މީހާއަށް އެފުރުޞަތު ހުޅުވައިލަދޭ ތަޅުދަނޑިއަކީ ދަމުނަމާދުކުރުމެވެ. އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައަކު ރަމަޟާންމަހު ދަމުނަމާދުކުރިއެވެ. ރޭއަޅުކަންކުރިއެވެ. ރޭއަޅުކަމަކީ ދަމުނަމާދެވެ. ދަމުނަމާދަކީ ރޭއަޅުކަމެވެ.
ޢިޝާނަމާދުކޮށް ރަވާތިބް ސުންނަތް ކުރުމަށްފަހު ދެންކުރާ ކޮންމެ އަޅުކަމަކީވެސް ރޭއަޅުކަމެވެ. ރޭއަޅުކަންކުރަން އޮތް އެންމެ ރަނގަޅުވަޤުތަކީ ނިދާލާފައި ތެދުވެއެވެ. އިރުއޮއްސުމާއި ފަތިސްވުމާއިދެމެދު އޮތް ވަޤުތު 3 ބައަށް ބަހާލައި ފަހުބައެވެ. މިސަރަޙައްދަށް ބަލައިފިނަމަ ޢާންމުގޮތެއްގައި 1 ޖެހުމުން އެއޮތީ ފަހުބައަށް ފެށިފައެވެ.
ﷲ ތަޢާލާ އެވަނީ ސުވަރުގެ ވަނުމުގެ ތަޅުދަނޑި އަހަރެމެންނާއި ޙަވާލުކުރައްވަވައިފައެވެ. ފުރުޞަތުގެ ބޭނުން ހިފައި ސުވަރުގެ ވަންނަން ގަދައަޅައި މަސައްކަތް ކުރާ މީހަކަށް އިން ޝާ ﷲ އެކަމަށް ﷲ ތަޢާލާ މަގުފަހިކޮށް ދެއްވަވާނެއެވެ. ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް މިފަދަ ފުރުޞަތުތަކުގެ ބޭނުން ފުރިހަމައަށް ހިފަން މަސައްކަތް ކުރާ ބައަކު ކަމުގައި ލެއްވެވުމެވެ!
އަހަރެންގެ ނަޒަރުގައި ދަމު ނަމާދަށް މިފަދަ މަތިވެރި އިއްޒަތާއި ޝަރަފު ދެވިފައި މިވަނީ އެނަމާދުކުރާ މީހާގެ އިއްޒަތް އެދަރަޖައަށް އުފުލިގެންދާތީއެވެ. ނިކަން ވިސްނައިބަލާށެވެ. ދަމުނަމާދުގެ ސަބަބުން މީހާގެ ފާފަތައް ފޮހެވިގެންދެއެވެ. ހަމައެއާއިއެކު ތިމާއަށް ކުރެވެން އުޅޭ ފާފަތަކުން ތިމާ ސަލާމަތްކޮށްދޭނެ އައްޑަނައަކަށްވެގެންދެއެވެ.
ދަމުނަމާދުކުރާ މީހާގެ ފާފަތައް ދާނީ ފުހެވި ހުސްވަމުންނެވެ! އަދި އިތުރަށް ކުރެވެން އުޅޭ ފާފަތަކަށް ހުރަސް އެޅިގެން ދިއުމުން އެ ފާފަތައް ނުކުރެވި ސަލާމަތްވެވޭނެ މަގު ﷲ ތަޢާލާ ދައްކަވާނެތެވެ! އިން ޝާ
މީސްތަކުންނޭވެ! ކޮންމެ އަަހރުކުވެސް ރަމަޟާން މަސް އަހަރެމެންނާއި ވަކިވެގެން ދިއުމަކީ ރަމަޟާން މަހު ކުރަމުން އައި އަޅުކަންކުރުން ހުއްޓައިލާ ސަބަބަކަށް ނުހަދާށެވެ. ދަމުނަމާދުކުރުން ހުއްޓައިނުލާށެވެ! ސުވަރުގެ ވަނުމުގެ ތަޅުދަނޑި އަތަށް އެރުމުންވެސް ދޫކޮށްލުމަށްވުރެ ދެރަ ޢަމަލެއް ހަމައެކަކަށްވެސް ނުކުރެވޭނެތެވެ!
ހަމައެއާއިއެކު ވިސްނައިލަންވީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާނީ ކުރާ ފާފަތައް މަދުވުމުން ކަމެވެ. ވީމާ ޤަވާއިދުން ދަމުނަމާދުކުރާ މީހާއަށް މިލިބެނީ އާދައިގެ ނިޢްމަތްތަކެއް ނޫނެއް ނޫން ހެއްޔެވެ؟ ހިތާމައަކީ މިފަދަ މަތިވެރި ނިޢްމަތްތައް ލިބެން ހުރެމެ ފުރުޞަތުގެ ބޭނުން ހިފަން މަސައްކަތްކުރާ މީހުންގެ އަދަދު މަދުކަމެވެ.
ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ ކަމަކީ ސުވަރުގެ ވަނުމެވެ. ތިބާ ސުވަރުގެ ވަނުމަށްޓަކައި ސުވަރުގޭގެ ދޮރުކޮޅު ހުޅުވަން ބޭނުންވާނެ ތަޅުދަނޑި ދުނިޔޭގައި ތިބާ ހުއްޓައި ﷲ ތަޢާލާ ޙަވާލުކުރެއްވެވީއެވެ. ނިކަން ބުނެބަލާށެވެ! އެތަޅުދަނޑި ތިބާގެ އަތުން ގެއްލޭނެ ނުވަތަ ގެއްލދާނެ އެއްވެސް ކަމެއް ކަމެއް ތިބާ ކުރާނަން ހެއްޔެވެ؟ ހަމަ ޤައުމުވެސް ސުވަރުގެ އެދޭމީހާ ނުކުރާނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން