ގިނަ ބައަކު ނަމާދު ނިމުމުން ގުޑައިވެސް ނުލައި އިންތަނުގައި އެތައް އިރެއްވަންދެން ޛިކުރުކުރަން އިނދެއެވެ. އެއީ މަލާއިކަތުންގެ ދުޢާ ލިބިގަތުމަށެވެ. އެގޮތަށް ކިތަންމެ ގިނައިރަކު އިނަސް އެމީހަކަށް މަލާއިކަތުންގެ ދުޢާ ލިބޭނެކަން ޙަދީޘްފުޅުން އެނގެން އޮތީމައެވެ.
އެކަމަކު އެއިގެ ތެރެއިން ގިނަ ބައަކަށް ޙަދީޘްފުޅުގެ ފުރިހަމަ މާނައާއި މަޤްޞަދެއް ނުއެނގެއެވެ. ޙަދީޘްފުޅުގައި އޮތީ "ﷲ ތަޢާލާގެ މަތިން ހަނދުމަކުރުންމަތީގައި އިންނަހައިއިރަކު އެމީހަކަށް މަލާއިކަތުންގެ ދުޢާލިބެމުންދާނެ" ކަމަށެވެ.
ދެން ނިކަން ބުނެބަލާށެވެ! މެންދުރުނަމާދު ނިމިގެން ޢަޞްރުނަމާދުވަޤުތު ޖެހެންދެން އިނަސް ﷲ ތަޢާލާގެ މަތިން ހަނދުމަނުކުރާ މީހަކަށް މަލާއިކަތުންގެ ދުޢާ ލިބޭނީ ކިހިނަކުން ހެއްޔެވެ؟
އެންމެންގެ ސަމާލުކަމަށް ގެންނަން އަހުރެން ބޭނުންވީ މިކަމެވެ. ނަމާދުނިމިގެން ޛިކުރުތައް ކިޔަން އިންނައިރުގައިވެސް ޛިކުރުތަކުގެ މާނައަށް ވިސްނައި ﷲ ތަޢާލާގެ މަތިން ހަނދުމަކުރަން އިންނާށެވެ! ޝައިޠޯނާ ވަސްވާސްދީ ވިސްނުން އެހެންކަމަކަށް ބަދަލުކުރުވިޔަސް އަވަހަށް އެވިސްނުމުން ސަލާމަތްވެ ﷲ ތަޢާލާގެ މަތިން ހަނދުމަކުރަން ފަށާށެވެ! މަލާއިކަތުންގެ ދުޢާލިބޭނީ އެތަނުގައި އިނުމަކުން ނޫނެވެ. ﷲ ތަޢާލާގެމަތިން ހަނދުމަކުރަން އިނުމުންނެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން