ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފުރަތަމަ ރަށެއްގެ ގޮތުގައި ށ.ފޭދޫއަށް ވަޑައިގެންނެވިއިރު، ރަށުގެ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ރޭވިފައިވާ މި ދަތުރުފުޅުގައި، ފުރަތަމަ ރަށެއްގެ ގޮތުގައި ފޭދޫ ހިމެނިފައިވާއިރު، މި ދަތުރުފުޅުގައި ރައީސް އެ އަތޮޅުގެ އެހެން ރަށްތަކަށްވެސް ޒިޔާރަތްކުރައްވާނެއެވެ.
ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބައްލަވާލެއްވުމަށް ކުރެއްވި މި ދަތުރުފުޅުގައި، ރައީސް ވަނީ ފޭދޫގައި އަލަށް ތަރައްޤީކުރަމުންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.
މީގެއިތުރުން، ރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ރައީސް ވަނީ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އަދި ރަށުގައި ހުރި އެކިއެކި މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
ރައީސްގެ މި ދަތުރުފުޅަކީ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއެއްސެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.