ށ. ފޭދޫ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި، މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
116.97 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފޭދޫ ކައުންސިލްގެ މެންބަރުންނާއި އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
1,365 މީހުންގެ އާބާދީއެއް އޮންނަ ފޭދޫގެ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 4.89 ކިލޯމީޓަރުގެ މަގު ތަރައްޤީ ކުރެވޭނެއެވެ. މީގެ ތެރޭގައި ސޯސަން މަގު 2,252.81 މީޓަރަށް، ކާރނޭޝަން މަގު 798.64 މީޓަރަށް، އާރޯ މަގު 535.94 މީޓަރަށް، މަރުކަޒީ ހިނގުން 828.95 މީޓަރަށް އަދި ފިނިވާ މަގު 472.30 މީޓަރަށް ތަރައްޤީ ކުރުން ހިމެނެއެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި، ސަރވިސް ލައިން އެޅުމާއި، ޤުދުރަތީ ގޮތުން ފެންގަނޑު ހިންދޭ ނިޒާމެއް ހަރުކުރުމާއި، ޕޭވްމަންޓް ހެދުމާއި، ދުއްވާ ސަރަޙައްދު ޤާއިމު ކުރުމާއި އަދި މަގުބައްތި ހަރުކުރުން ހިމެނެއެވެ. މި މަޝްރޫޢު ނިންމުމަށް ދެވިފައިވަނީ 570 ދުވަހުގެ މުއްދަތެކެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން ވޭތުވެދިޔަ 44 އަހަރު ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ. އަދި ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.