އޮޑިޓް އޮފީހަށް 134.2 މިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
އޮޑިޓް އޮފީހަށް 134.2 މިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

އޮޑިޓަރ ޖެނެރަލް އޮފީހުގެ 2024 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 134.2 މިލިޔަން ރުފިޔާ ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބަޖެޓަކީ މި އަހަރަށް ފާސްކުރި ބަޖެޓަށްވުރެ 20 މިލިޔަން ރުފިޔާ އިތުރު އަދަދެކެވެ.

އޮޑިޓް އޮފީހުން މަޖިލީހަށް ހުށަހެޅި ބަޖެޓުގެ ތަފްސީލުތަކަށް ބަލާއިރު، ރިކަރަންޓް ޚަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް 92.7 މިލިޔަން ރުފިޔާ އަދި ޕީއެސްއައިޕީގެ ގޮތުގައި 41.5 މިލިޔަން ރުފިޔާ ހިމެނެއެވެ. މި ބަޖެޓް މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 51 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

މާލިއްޔަތު ކޮމިޓީގައި އޮޑިޓް އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި، ބަޖެޓް އިތުރުކުރަން ޖެހުނު މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެކި ޑިޕާޓްމަންޓުތަކަށް ސީނިއަރ އޮޑިޓަރުން ނެގުމަށް ބޭނުންވުން ހިމެނެއެވެ. "މިހާރުވެސް 22 ޑިޕާޓްމަންޓެއްގެ ތެރެއިން ހަތް ޔުނިޓުގެ މަސައްކަތް ކުރަނީ ސީނިއަރ އޮޑިޓަރެއް ނެތި" ކަމަށް އެ އޮފީހުން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ސެޕްޓެމްބަރު މަހުން ފެށިގެން އޮޑިޓް ފަންޑުގެ މުވައްޒަފުން ނޭޝަނަލް ޕޭ ފްރޭމްވަރކަށް ބަދަލުކުރުމާ ގުޅިގެން މުވައްޒަފުންގެ މުސާރައަށް 9.1 މިލިޔަން ރުފިޔާ އިތުރުވެފައިވާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ އާންމު ބަޖެޓާ ވަކިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ބަޖެޓެއްކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން