ސްރީލަންކާގެ އިމިގްރޭޝަން އުސޫލުތަކަށް ގެނެވުނު އައު ބަދަލުތަކާ ގުޅިގެން، 15 އޮކްޓޯބަރ 2025 އިން ފެށިގެން އެ ގައުމަށް ދަތުރުކުރާ ހުރިހާ ފަސިންޖަރުން "އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ)" ހޯދަންޖެހޭނެ ކަމަށް ސްރީލަންކާގެ އިމިގްރޭޝަނުން ވަނީ އިއުލާނުކޮށްފައެވެ.
މި އައު ގަވާއިދުގެ ދަށުން، ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ފަސިންޖަރަކުވެސް ދަތުރު ފެށުމުގެ 24 ގަޑިއިރާއި 48 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި eta.gov.lk/slvisa މެދުވެރިކޮށް އީޓީއޭ ފޯމް ފުރިހަމަކުރަންޖެހެއެވެ.
ނަމަވެސް، މި ބަދަލާއެކުވެސް ސްރީލަންކާއިން ދިވެހިންނަށް ވިސާ ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކަށް އެއްވެސް ބަދަލެއް ގެނެވިފައި ނުވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، ކުރިން އޮތް ގޮތަށް ދިވެހިންނަށް ވިސާގެ އިންތިޒާމްތައް ކުރިއަށް ގެންދެވޭނެއެވެ.
މި ބަދަލާ ގުޅިގެން، ސްރީލަންކާއަށް ދަތުރުކުރަން ގަސްދުކުރާ ފަރާތްތަކުން އީޓީއޭ ފޯމް ފުރިހަމަކުރުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. މި ފޯމް ފުރިހަމަނުކޮށް ދަތުރުކުރާ ފަރާތްތަކަށް ސްރީލަންކާއަށް އެތެރެވުމުގައި ދަތިތަކާ ކުރިމަތިވެދާނެކަން ފާހަގަކުރެވެއެވެ.