އިންޑިއާ އިމިގްރޭޝަންގެ އުސޫލުތަކަށް ގެނެވުނު އައު ބަދަލާ ގުޅިގެން، 10 އޮކްޓޫބަރު 2025 އިން ފެށިގެން އިންޑިއާއަށް ދަތުރުކުރާ ހުރިހާ ފަސިންޖަރުން "އީ-އެރައިވަލް ކާޑު" އޮންލައިންކޮށް ފުރިހަމަކުރަންޖެހޭނެ ކަމަށް އިންޑިއާ އިމިގްރޭޝަނުން ވަނީ އިއުލާނުކޮށްފައެވެ.
މި އައު އުސޫލުގެ ދަށުން، އިންޑިއާއަށް ދަތުރުކުރާ ކޮންމެ ފަސިންޖަރަކުވެސް ދަތުރު ފެށުމުގެ 72 ގަޑިއިރު ކުރިން indianvisaonline.gov.in/earrival މެދުވެރިކޮށް އީ-އެރައިވަލް ކާޑު ފުރިހަމަކުރުމަކީ މިހާރު ލާޒިމު ކަމެކެވެ.
ނަމަވެސް، މި ބަދަލަކީ އިންޑިއާއިން ދިވެހިންނަށް ވިސާ ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކަށް އައި ބަދަލެއް ނޫންކަން އިންޑިއާ އިމިގްރޭޝަނުން ވަނީ ސާފުކޮށްދީފައެވެ. އެހެންކަމުން، ކުރިން ޢަމަލުކުރަމުން އައި ވިސާގެ އުސޫލުތައް ދެމިއޮންނާނެއެވެ.
އިންޑިއާއަށް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާކަން ފާހަގަކޮށް، މި އައު ބަދަލާއެކު ހުރިހާ ދަތުރުވެރިންވެސް އީ-އެރައިވަލް ކާޑު ފުރިހަމަކުރުމަށް ދިވެހި ހާރިޖިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ. މިކަމުގެ ސަބަބުން އިމިގްރޭޝަން ޕްރޮސެސް އަވަސްވެ، ދަތުރުވެރިންނަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.
އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އިންޑިއާ އިމިގްރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.