ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. ފީވަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރަށުގައި އަލަށް 3 މަޝްރޫޢެއް މިއަދު ވަނީ ފަށައިފައެވެ. މި މަޝްރޫޢުތައް ފެށުމަށްޓަކައި ވަކިވަކިން 3 ރަސްމިއްޔާތެއް ބޭއްވިއެވެ.
މި މަޝްރޫޢުތަކުގެ ތެރެއިން 3 ބުރީގެ ސްކޫލް އިމާރާތެއް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. 59 މިލިއަން ރުފިޔާގެ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. 6997 އަކަފޫޓުގެ ސަރަހައްދެއްގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 19 ކްލާސްރޫމް ހިމެނޭ އިމާރާތުގެ އިތުރުން، އޮފީސް އިމާރާތަކާއި 2 ފަންގިފިލާގެ މަލްޓިޕަރޕަސް ހޯލެއް އަދި ސެކިއުރިޓީ ރޫމެއް އަޅާނެއެވެ. މި މަސައްކަތް ނިންމުމަށް ދެވިފައިވަނީ 18 މަސްދުވަހުގެ މުއްދަތެކެވެ.
ދެވަނައަށް ފެށި މަޝްރޫޢަކީ ފުލުހުންގެ އިދާރާގެ އައު އިމާރާތް އެޅުމުގެ މަޝްރޫޢެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. މި މަޝްރޫޢުގެ ދަށުން ފުލުހުންގެ މަރުކަޒުގެ އިމާރާތާއި ސެލް ބްލޮކް އަދި ވެހިކަލް ޕާކިން އޭރިއާއެއް ތަރައްޤީކުރެވޭނެއެވެ.
ތިންވަނަ މަޝްރޫޢުގެ ގޮތުގައި ފެށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުމުގެ މަސައްކަތެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އިބްރާހިމް ރާފިޢުއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.
މި ތިން މަޝްރޫޢަކީވެސް ފީވަކުގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ މުހިންމު މަޝްރޫޢުތަކެއް ކަމުގައި ފާހަގަކުރެވެއެވެ.