ދިވެހިން ބާނާ މަސް ޓެރިފަކާ ނުލައި އިނގިރޭސިވިލާތުގެ ބާޒާރަށް ގެންދިއުމަށް ކުރަމުންދާ މަޝްވަރާތައް މިހާރުވެސް ކުރިއަށްދޭ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދިވެހިން ބާނާ މަސް ޓެރިފަކާ ނުލައި އިނގިރޭސިވިލާތުގެ ބާޒާރަށް ގެންދިއުމަށް ކުރަމުންދާ މަޝްވަރާތައް މިހާރުވެސް ކުރިއަށްދޭ: ވަޒީރު

ދިވެހިން ބާނާ މަސް ޓެރިފަކާ ނުލައި އިނގިރޭސިވިލާތުގެ ބާޒާރަށް ގެންދިއުމަށް ކުރަމުންދާ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝިޔާމް ވިދާޅުވެފައިވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި މަސްވެރިން ބާނާ މަސް އިނގިރޭސިވިލާތުގެ ބާޒާރަށް ޓެރިފަކާ ނުލައި ވިއްކުމަށް ކުރެވޭ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިކަމަށް އިތުރު ފުރުސަތުތަކެއް ހުޅުވި، މި މަސައްކަތް އަވަސްވެގެން ގޮސްފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މަސްވެރިކަމާ ބެހޭ ވަޒީރުގެ ވާހަކަފުޅުގައި، މިހާރު މަސްވެރިންނަށް ދިމާވަމުންދާ ގޮންޖެހުންތަކަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން މި ދާއިރާ ނުބަލަހައްޓައި، އެޅި ދޯހަޅި ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ކަންކަން ކަމަށް ވިދާޅުވިއެވެ. އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ދާދި އަވަހަށް ސޮއިކުރެވޭނެ ކަމުގެ އުއްމީދު ދިނުމަށްފަހު މަހުގެ އަގު އުފުލިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ މަސްވެރިކަމުގެ ސިނާއަތާއި މަސްވެރިންގެ ދިފާއުގައި ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތަށް ވިޔަފާރީގެ ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމަށްވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ކުރީގެ ސަރުކާރުން މަހުގެ އަގު ބޮޑުކުރުމުގެ ސަބަބުން ސަރުކާރުގެ މަސް ކުންފުންޏަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.

މިއަދު އޮންލައިން