ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފުވުމަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން އިޤްތިޞާދަށް ތަރައްޤީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މައި އެއް ލަނޑުދަނޑި ހާޞިލްވުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އުރީދޫ ފިންޓެކް އާއި ޕޭޕަލް ގުޅިގެން ރާއްޖޭގައި މި ޚިދުމަތް ތަޢާރަފުކުރުމަށް ހަމަޖެހިފައިވާކަން އިކޮނޮމިކް މިނިސްޓްރީން ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީގެ ޒަރިއްޔާއިން އިޤްތިޞާދުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު މަރުހަލާއެކެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ޚިދުމަތުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި، ކޮންޓެންޓް ކްރިއޭޓަރުންނަށް ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ހަރަކާތްތެރިވުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ފައިސާގެ މުއާމަލާތްތައް ކުރާ ޒަމާނީ އަދި ލުއިފަސޭހަ ވަސީލަތްތައް ތަޢާރަފުކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމުގެ މުހިންމު ފިޔަވަޅެކެވެ.
މި ޚިދުމަތް ތަޢާރަފުކުރުމަށް ވޭތުވެދިޔا 2 އަހަރުގެ ތެރޭގައި ޕޭޕަލް އަދި ކަމާ ގުޅޭ އެހެނިހެން ފަރާތްތަކާއެކު ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. މިކަމަކީ މާލީ ނިޒާމު ހަރުދަނާ ކުރުމަށާއި، އީޖާދީ ޑިޖިޓަލް ޙައްލުތައް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމުގައި މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީން އިތުރަށް ފާހަގަކުރި ގޮތުގައި، ކުރިއަށް އޮތް ތަނުގައިވެސް މާލީގޮތުން ދުނިޔޭގެ އެންމެ މަޤްބޫލު އަދި ފެންވަރު ރަނގަޅު ޓެކްނޮލޮޖީގެ އިތުރު ވަސީލަތްތަކާއި ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފުކުރުމަށް ސަރުކާރުން އިސްކަންދޭނެއެވެ.