ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ށ. ކޮމަންޑޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިއީ މިއަދު އެމަނިކުފާނު ޒިޔާރަތް ކުރެއްވި ހަތަރުވަނަ ރަށެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ކޮމަންޑޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް ބޭނުމަކީ ކޮމަންޑޫ ބިން ހިއްކުމާއި، އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރުމަށް ހަވާލުކުރެވޭ އެއްބަސްވުމުގައި ސޮއިކުރެއްވުމެވެ. އަދި މީގެ އިތުރުން އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ދަތުރުފުޅުގެ ތެރޭގައި ރައީސް މުޢިއްޒު ވަނީ ރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ކޮމަންޑޫގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރަށުގެ އިޤްތިޞާދީ ދުވެލި އިތުރުވެ، ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.