ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންސްތައް މާދަމާ އިން ފެށިގެން އައު ޓަރމިނަލްއަށް ބަދަލުކުރުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންސްތައް މާދަމާ އިން ފެށިގެން އައު ޓަރމިނަލްއަށް ބަދަލުކުރުމަށް ނިންމައިފި

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންސްތައް މާދަމާ އިން ފެށިގެން އައު ޓަރމިނަލްއަށް ބަދަލުކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.

އެމްއޭސީއެލްއިން މިކަން އިޢުލާނުކުރަމުން ބުނެފައިވަނީ، އެއަރޕޯޓު ރަސްމީކޮށް ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން، މިހާރު ބޭނުންކުރަމުން އަންނަ ބައު ޓަރމިނަލްގެ އޮޕަރޭޝަންތައް ބުދަ ދުވަހުން ފެށިގެން އައު ޓަރމިނަލްގެ ތިރީ ފަންގިފިލާއަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހު ކަމަށް އެމްއޭސީއެލްއިން ހާމަކޮށްފައިވެއެވެ.

އުތުރުގެ ފަތުރުވެރިކަމާއި ތަރައްޤީއާ ގުޅިފައިވާ މި އެއަރޕޯޓުގެ ހިންގުން އެމްއޭސީއެލްއާ ހަވާލުކުރެވުނު ފަހުން، އެ ކުންފުނިން ވަނީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި އައު ޓަރމިނަލް އިމާރާތްކުރުމާއި އެހެނިހެން ވަސީލަތްތައް ޤާއިމުކުރުން ހިމެނެއެވެ.

އެމްއޭސީއެލްއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އައު ޓަރމިނަލް ރަސްމީކޮށް ހުޅުވުމުގެ ކުރިން، ޓަރމިނަލްގެ ޚިދުމަތްތަކާއި ޕްރޮސީޖަރތައް ތައްޔާރުކުރުމާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. މި މަސައްކަތްތައް ނިމުމުން، އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ފަސިންޖަރުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މި ތަރައްޤީއާއެކު، އުތުރު ސަރަޙައްދުގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބި، ސަރަޙައްދީ ތަރައްޤީއަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން