ކޮމަންޑޫ ބިންހިއްކައި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމަށް އެމްއޭސީއެލާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ކޮމަންޑޫ ބިންހިއްކައި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމަށް އެމްއޭސީއެލާ ހަވާލުކޮށްފި

މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫގައި އެއަރޕޯޓެއް ތަރައްޤީކޮށް އޮޕަރޭޓްކުރުމަށްޓަކައި ބޭނުންވާ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއަށް ވަޑައިގެން މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އަދި އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތްވެސް މި ރަސްމިއްޔާތުގައި ފަށައިފިއެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ.

ކޮމަންޑޫގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ އެ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ. މި އެއަރޕޯޓް ތަރައްޤީކުރުމުން ށ. އަތޮޅުގެ އިޤްތިޞާދީ ދުވެލި އިތުރުވެ، ޓޫރިޒަމް ދާއިރާއަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށްޓެވުމަށްފަހު ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މި އެއަރޕޯޓަކީ އުތުރުގެ ރަށްތަކަށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ އެއަރޕޯޓަކަށް ވެގެންދާނެ ކަމަށެވެ.

މިއަދު އޮންލައިން