ކޮމަންޑޫ ކައުންސިލާ އެއަތޮޅު ގައްލައިދޫ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ކޮމަންޑޫ ކައުންސިލާ އެއަތޮޅު ގައްލައިދޫ ހަވާލުކޮށްފި

ކައުންސިލްތަކުގެ މާލީ ގާބިލުކަން އިތުރުކުރުމުގެ މަޤްސަދުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، ށ. ކޮމަންޑޫ ކައުންސިލާ އެއަތޮޅު ގައްލައިދޫ މިއަދު ހަވާލުކޮށްފިއެވެ.

ގައްލައިދޫ ކޮމަންޑޫ ކައުންސިލާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މިކަން ވަނީ ކޮމަންޑޫ ކައުންސިލުން ހުށަހެޅި ޕްރޮޕޯސަލްއަކާ ގުޅިގެން ކުރިއަށް ގެންގޮސްފައެވެ.

ރަސްމިއްޔާތުގައި ކޮމަންޑޫ ކައުންސިލާ ގައްލައިދޫ ހަވާލުކޮށްދެއްވީ ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެވެ. އަދި ކޮމަންޑޫ ކައުންސިލްގެ ފަރާތުން ގައްލައިދޫ ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ސިނާން އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ސިޔާސަތުގެ ދަށުން ކައުންސިލްތަކާ ފަޅުރަށްތައް ހަވާލުކުރުމުގެ މައިގަނޑު މަޤްސަދަކީ ކައުންސިލްތަކުގެ މާލީ ޤާބިލުކަން އިތުރުކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މަގު ފަހިކޮށްދިނުމެވެ. މީގެ ސަބަބުން ކައުންސިލްތަކަށް އިތުރު އާމްދަނީ ހޯދުމުގެ ފުރުސަތު ލިބި، ރަށުގެ ތަރައްޤީއަށް އިތުރު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން