ބިން ހިއްކުމުގެ މަޝްރޫޢުތަކުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ބިޔަ ޑްރެޖަރުތަކެއް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ށ. ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމެއްގައި ރައީސް ވިދާޅުވި ގޮތުގައި، އެމްއޭސީއެލްގެ ދަށުން 3 ޑްރެޖަރެއް ގެނައުމަށް ބޭރުގެ 2 ކުންފުންޏަކާއެކު އެއްބަސްވުން ވަނީ ހެދިފައެވެ. މިގޮތުން ފުރަތަމަ ޑްރެޖަރު މިމަހުގެ ފަހުކޮޅު ރާއްޖެ އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ފުރަތަމަ ގެންނަ 11,000 ޓަނުގެ ޑްރެޖަރުން އެންމެ ފުރަތަމަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތ. ވިލުފުށީގެ ބިން ހިއްކުމުގެ މަޝްރޫޢެވެ. އަދި އަންނަ މަހުގެ މެދުތެރޭގައި 45,000 ޓަނުގެ ހޮޕަރ ޑްރެޖަރެއް ގެނެސް، އެ ޑްރެޖަރުން އެންމެ ފުރަތަމަ ހިއްކާނީ ރަސްމާލެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"މި ޑްރެޖަރުން ފުރަތަމަ ހިއްކާނީ ހއ. ދިއްދޫ އެއަރޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް. ދެހަފްތާ ނުވަތަ ގިނަވެގެން 3 ހަފްތާ ތެރޭގައި އެ މަސައްކަތް ނިމޭނެ," ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ތިންވަނަ ޑްރެޖަރު މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖެ އަންނާނެއެވެ. އަދި ދިއްދޫގެ މަސައްކަތް ނިމުމުން ށ. އަތޮޅަށް ޑްރެޖަރު ގެންގޮސް، ފަހަރަކު ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، އޭގެ ފަހުން މާލެ އަތޮޅުގައި ހަވާލުކޮށްފައިވާ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.