މަރުވުމުން ލޮލުގެ ކަޅީ މައްޗަށް ހުއްޓުން!: މައްޔިތާގެ ފުރާނަ ދިއުމުން މައްޔިތާގެ ކިބައިން ފެންނާނެ ކަންކަމުގެ ތެރެއިން އެނގޭނެ މުހިންމު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
މަރުވުމުން ލޮލުގެ ކަޅީ މައްޗަށް ހުއްޓުން!: މައްޔިތާގެ ފުރާނަ ދިއުމުން މައްޔިތާގެ ކިބައިން ފެންނާނެ ކަންކަމުގެ ތެރެއިން އެނގޭނެ މުހިންމު ކަމެއް!

މީހާގެ ފުރާނަ ހަށިގަނޑުން ނެރުއްވަވައިގެން މަލާއިކަތުން ﷲ ތަޢާލާގެ ޙަޟްރަތަށް ވަޑައިގަތުމުން ލޮލުގެ ކަޅި މައްޗަށް ހުއްޓިފައި ހުންނަނީ ކީއްވެގެންކަމާއިމެދު ވިސްނައިލަމުހެއްޔެވެ؟ ވިސްނާ ބައަކުވެސް އުޅެއެވެ. އެކަމާ ސުވާލުވެސް ކުރެއެވެ. އެހެންވެ ކުރު ގޮތަކަށް ޖަވާބު ދެވޭތޯ ބަލާނަމެވެ.

މަރުވުމުގެ ވަގުތަކީ ވަރަށް އާދައާއި ޚިލާފް ވަގުތެކެވެ. މަރުގެ މަލާއިކަތާ ލޮލަށް ފެނުމާއި މަރު ހިއްޕެވުމާއި ދެމެދުގައި ފާއިތުވެގެންދާ މަދު ސިކުންތުކޮޅުގެ ތެރޭގައި ތިބާއަށް ކުރިން ނުފެންނަ އެތައް ގިނަ ކަންތައްތަކެއް ފެނިގެންދާނެއެވެ. ތިބާއަށް ދުނިޔޭގައި އުޅުނު އިރު ނުދައްކަވާ އެތައް ގިނަ ކަންތައްތަކެއް ދައްކަވާނެތެވެ. ޣައިބުގައިވާ އެތައް ބައިވަރު ކަންތައްތަކެއް ވެސް ފެނިގެންދާނެއެވެ.

ނަމަވެސް އެއިން އެއްވެސް ކަމެއް ބަޔާންކުރުމުގެ ކުޅަދާނަކަން އެއްވެސް މީހަކަށް ނުލިބޭނެއެވެ. ބަލަން އޮތުން ނޫން އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެންމެ ކުޑަމިނުން ޝަހާދަތް ކިޔައިލެވޭނީވެސް ދުނިޔޭގައި ޝަހާދަތް ކިޔައި ޝަހާދަތަށް ޢަމަލުކޮށް އުޅުނު މީހަކަށެވެ.

އަހަރެމެންގެ ތެރެއިން ބައެއް މީހުން މަރުވުމުގެ ވާހަކަތައް އަޑުއަހަން ބޭނުމެއް ނުވެއެވެ. އެމީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ މަރުވުމަށް އަދި ވަރަށް ގިނަ ދުވަސް އެބަ އޮތް ކަމަށެވެ. އެހެންކަމުން ދެކެނީ މަރުވުމުގެ ވާހަކަތައް އަޑުއެހުމަކީ އަދި ތަންކޮޅެއް ފަހުން ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.

ނަމަވެސް އަނެއް ބައަކު އަބަދުވެސް މަރުގެ ވާހަކަތައް އަޑުއަހަން ބޭނުންވެއެވެ. މަރުވުމުން ކުރިމަތިވާނެ ކަންކަމުގެ މައުލޫމާތު އެނގެން ބޭނުންވެއެވެ. މަރުވުމުން ކުރިމަތިވާނެ މައްސަލަތަކުން ސަލާމަތްވާން ބޭނުންވެއެވެ. އެކަމަށް ގަދައަޅައި މަސައްކަތް ކުރަން ޝައުޤުވެރިވެއެވެ.

މިދެބާވަތުގެ މީހުންނަށް ބަލާއިރު މަރުވުމުގެ ވާހަކަތައް އަޑުއަހަން ބޭނުން ނުވަނީ އީމާންކަން ފުރިހަމަނުވާ މީހުންނެވެ. މަރާއިމެދު ޣާފިލުވެގެން ތިބި މީހުންނެވެ. މިފަދަ ގިނަ މީހުން ނިމިގެންދާނީ ވެސް އެ ޣާފިލުކަންމަތީގައެވެ. ހަމަ އެފަދައިން މަރުގެ ވާހަކަތައް އަޑުއަހަން ބޭނުން ވަނީ ފިރިހަމައަށް އީމާނަވެގެން ތިބި މީހުންނެވެ. ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމާއި ދުނިޔެ ދޫކޮށް ދާން ޖެހިދާނެކަން ހިތުގެ އަޑިން ޤަބޫލުކޮށްގެން ތިބި މީހުންނެވެ.

މީސްތަކުންނޭވެ މަރުވުމުގެ ވާހަކަތައް ގިނަގިނައިން އަޑުއަހާށެވެ! އެކަމުން ކުރާނެ ފައިދާ ވަރަށް ބޮޑެވެ! އެކަމުގެ ސަބަބުން ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން އިތުރުވާނެއެވެ. ގިނައިން އަޑުއެހިވަރަކަށް ޝައުޤުވެރިކަން ދާނީ އިތުރުވަމުންނެވެ. އެކަން ވެގެންދާނީ ތިބާ ނަރަކައިން ސަލާމަތްކޮށްދޭނެ ބާރަކަށެވެ.

ކޮންމެ މީހަކުވެސް ބޭނުންވާނީ ސުވަރުގެއެވެ. އެންމެ މަތިވެރި ޘަވާބެވެ. ނަމަވެސް ސުވަރުގެ ވަދެވޭނީ ނަރަކައިން ސަލާމަތްވެވިގެންނެވެ. ވީމާ ފުރަތަމަ ކަމަކަށް އޮތީ ނަރަކައިން ސަލާމަތްވާން މަސައްކަތްކުރުމެވެ. ފާފަ ނުކުރުމަކީވެސް ނަރަކައިން ސަލާމަތްވާން މަސައްކަތްކުރުމެވެ. އަޅުކަންކުރުމަކީވެސް ނަރަކައިން ސަލާމަތްވާން މަސައްކަތްކުރުމެވެ. ނަރަކައިން ސަލާމަތްވާންވެސް އަދި ސުވަރުގެ ވަންނަންވެސް ކުރަން އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ ފާފަނުކުރުމާއި އަޅުކަންކުރުމެވެ.

މަރުވާ މީހުންނަށް ބަލައިފިނަމަ އެންމެންގެހެން ކަޅި މައްޗަށް ހުއްޓިފައި ހުންނަތަން ފެންނާނެއެވެ. އެއީ ދިރިތިބި މީހުން ޢިބްރަތް ޙާޞިލުކުރުމަށް ދައްކަވާ ފިލާވަޅެކެވެ. އޭނާގެ ކަޅި މައްޗަށް ހުއްޓިފައި އެހުންނަނީ އޭނާގެ ފުރާނަ ހިއްޕަވައިގެން މަލާއިކަތުން ﷲ ތަޢާލާގެ ޙަޟްރަތަށް އުޑަށް އަރާވަޑައިގަންނަވާތަން އޭނާއަށް ފެންނާތީއެވެ. އެތަން ބަލަން އޮވެވޭތީއެވެ.

އެއިރު އޭނާގެ ހަށިގަނޑު ބިންމަތީގައި އޮތްނަމަވެސް ފުރާނަ އެގެންދެވެނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އޭނާ އާއިމެދު ނިޔާ އިއްވެވުމަށެވެ. ދުނިޔޭގައި ހުރެވޭއިރު އެންމެ ބޮޑަށް ބިރުވެތިވާންޖެހޭ ވަޤުތަކީ އެއީއެވެ. ތިމާ ޢާއިމެދު ﷲ ތަޢާލާ އިއްވަވާނެ ނިޔާ އަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން