ކޮންމެ ދަރިއަކުވެސް އުފަންވަނީ މައިމީހާގެ ބަނޑުގައި ދުވަސްތަކެއް ފާއިތުވުމަށްފަހުގައެވެ. ޢާންމުގޮތެއްގައި އެއީ 9 މަހާއި 10 ދުވަސްކަމަށް ބެލެވެއެވެ. އެދުވަސްތަކުގައި ދަރިފުޅަށް އިއްވުމުން ފައިދާކުރާނެ 2 އަޑެއް ވެއެވެ.
އެއީ ކީރިތި ޤުރްއާނުގެ އަޑާއި ދެމަފިރިން ލޯބިން މުޢާމަލާތުކުރާ އަޑެވެ. މީގެ އިތރުން ދަރިފުޅަށް ލޯބިން ގޮވާލައި ދަރިފުޅާ ވާހަކަދައްކަންވެސް ޖެހޭނެއެވެ. އެއަޑުތައް ކުއްޖާއަށް އިވޭނެތީއެވެ.
މައިމީހާގެ ބަނޑުގައި އޮންނަ ކުޑަކުޑަ، ތުއްތުތުއްތު ދަރިފުޅުގެ ލޮލަށް ތަންތަން ފެނުމުގެ ކުރިން އެ ކުއްޖާގެ ކަންފަތަށް މައިމީހާގެ އަޑު އިވެންފަށާކަން ސައިންސްވެރިންނަށް ހޯދުނީ ދާދިފަހުންނެވެ. ނަމަވެސް މީގެ 1400 އަހަރުކުރިން ބާއްވަވައިލެއްވެވި ކީރިތި ޤްރުއާނުގައި އެކަން އެނގެން އެބައޮތެވެ.
ކީރިތި ޤްރުއާނުގެ އާޔަތްތަކުގައި ދަރިފުޅަށް ފެނުމުގެ ވާހަކައިގެ ކުރިއަށް ބަޔާންކުރައްވަވާފައިވަނީ އަޑުއިވުމުގެ ވާހަކައެވެ.
"ހަމަކަށަވަރުން، އެއްކުރައްވާފައިވާ މަނިތިއްކަކުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. (އެއީ) އޭނާ އިމްތިޙާން ކުރެއްވުމަށްޓަކައެވެ. ފަހެ، ކަންފަތަށް އިވޭ، ލޮލަށް ފެންނަ މީހަކު ކަމުގައި ތިމަންރަސްކަލާނގެ އޭނާ ލެއްވެވީމެވެ." (އައްނިސާ: 2)
"އެކަލާނގެއީ، ތިއަބައިމީހުންނަށްޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވި ރަސްކަލާނގެއެވެ. ތިޔަބައިމީހުން ޝުކުރު ކުރަނީ، ވަރަށްވެސް މަދުންނެވެ." (އަލްމުއްމިނޫން: 78)
މިއާޔަތަށް ބަލައިފިނަމަ ފުރަތަމަ އެއޮތީ އަޑު އިވުމުގެ ވާހަކައެވެ. ދެން ފެނުމުގެ ވާހަކައެވެ. އިޙްޞާޞް ކުރެވެން ފަށާނީ 3 ވަނައަށެވެ.
މިއީ މައިން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ. ދަރިފުޅު ބަނޑުގައި އަށަގަތުމާއިއެކު ކީރިތި ޤްރުއާން ކިޔެވުން ގިނަކޮށް ހެޔޮ ލަފާ ބަސްތައް ނޫނީ ދުލުން ނުބުނަންވީ މިފަދަ ސަބަބުތަކަށްޓަކައެވެ. ބަނޑުގައި އޮންނަ ދަރިފުޅަށް މައިމީހާގެ އަޑުތައް އިވޭނެތީއެވެ. ދަރިފުޅު ފުރަތަމަ ދަސްކުރާނީ މައިމީހާގެ އަޑުތައް ކަމުގައިވާތީއެވެ. ބައްޕައިންވެސް މިކަންކަމަށް ސަމާލުކަންދީ އިއްވަންވާނީ ދަރިފުޅަށް ފައިދާކުރާނެ އަޑުތަކެވެ.
މިހެން ބުނުމުން ކުއްޖާއަށް އިވޭނީ މައިމީހާގެ އެތެރެހަށީގެ އަޑުތައް ކަމަށް ބުނެ ބަހަނާތައް ދައްކަން އުޅެފާނެއެވެ. ނަމަވެސް އެކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ. އެއިގެ ބަދަލުގައި ފެނި ސާބިތުވާން އޮތީ ދަރިފުޅަށް ބަލިވެ އިނދެ ހޭދަކުރާ ދުވަސްތަކުގައި ތަޤްވާވެރިކަމުގައި ސާބިތުވާ މައިންނަށް ލިބޭ ކުދިންގެ އަޚްލާޤުން އެކަމުގެ އަސަރު ފެންނަކަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން