ޢިބްރަތްތެރި ވާހަކަ: ހުރި އެންމެ ކޮއްކޮ ބަލަން ތަނަވަސް ލޯބިވެރިޔާއާ މާލެ ދޫކޮށްލި ޒުވާނަކަށް 6 އަހަރުފަހުން ހަމައެ ތަނަވަސް ލޯބިވެރިޔާއާ އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ޢިބްރަތްތެރި ވާހަކަ: ހުރި އެންމެ ކޮއްކޮ ބަލަން ތަނަވަސް ލޯބިވެރިޔާއާ މާލެ ދޫކޮށްލި ޒުވާނަކަށް 6 އަހަރުފަހުން ހަމައެ ތަނަވަސް ލޯބިވެރިޔާއާ އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަހުރެން ވަރަށް ކުޑައިރު މަންމަ ނިޔާވެއްޖެއެވެ. ގެންގުޅެ ބޮޑުކޮށް ކިޔަވައިދިނީ ބައްޕައެވެ. ބައްޕަ އަހުރެންނަށް ކިޔަވައިދޭން މާލެ ފޮނުވިއެވެ. މަތީ ޘާނަވީ ނިމުނުތަނާހެން ބައްޕަ ނިޔާވުމުން ޖެހުނީ ރަށަށްދާށެވެ. އެއީ ހަގަށް ހުރި އަންހެން ކޮއްކޮ ބަލައިދޭނެ މީހަކު ނެތުމުންނެވެ.

މާލެދޫކޮށް ދިއައީ ކަރުނައަޅަމުންނެވެ. އެއީ މާލެ ދޫކުރަންޖެހޭތީއެއް ނޫނެވެ. އަހުރެން ދެކެ ނުހަނު ލޯބިވާ ނަޢީމާ އާއި ވަކިވާންޖެހޭތީއެވެ. ނަޢީމާގެ މައިންބަފައިންނަކީ ތަނަވަސް ބައެކެވެ. ނަމަވެސް ޢުމުރުން ހަގުކަމުން ކައިވެނިކޮށްދޭން އެއްބަސްނުވީއެވެ. 

ރަށަށް ދިއަތަނުން ސްކޫލުން ވަޤުތީ ވަޒީފާއެއް ލިބުނެވެ. ވަޒީފާގައި ހުރެ ކޮއްކައަށް ރަށުން ކިޔަވައިދެވެން ހުރި ވަރަށް ކިޔަވައިދިނުމަށްފަހު ޤަޞްދުކުރީ އަހުރެންނަށް ދެން ނުކިޔެވުނު ނަމަވެސް ކޮއްކޮއަށް ކިޔަވައިދޭށެވެ. އެހެންވެ އެކުވެރިއަކާއި ވާހަކަ ދައްކައި އޭނާ އެއްބަސްވުމުން އެގޭގައި ބަހައްޓަން ގޮވައިގެން މާލެ އައިމެވެ. މާލެއިން ދިއަތާ 6 އަހަރުފަހުންނެވެ. 

އެއްރެއަކު ކޮއްކޮ ގޮވައިގެން ބާޒާރަށް ގޮސްއުޅުމުގެ ތެރޭގައި ނަޢީމާ ފެނުނެވެ. ލަދުންނާ ބިރުން ގޮވާލަންވެސް ނުކެރުނެވެ. އެއީ މިހައިދުވަސްވީއިރު ހުންނާނީ ކައިވެނިކޮށްގެން ކަމަށް ޤަބޫލުކުރެވޭތީއެވެ. އެހެންކަމާއިއެކުވެސް ހުއްޓި ބަލަހައްޓައިގެން ހުރެވުނެވެ. އެހެން ހުއްޓައި ނަޢީމާއަށް އަހުރެން ފެނުމުން ބާރުބާރަށް ހިނގާފައި އައިސް ފުރަތަމަވެސް ސުވާލުކުރީ މިއީ ކޮން އަންހެން ކުއްޖެއްތޯއެވެ. 

ޖަވާބުގައި ހުރި ހަމައެކަނި ކޮއްކޮކަމަށްބުމުން އައިސް ކޮއްކޮގެ އަތުގައި ހިފައި ކައިރީގައި ހުރި ރެސްޓޯރަންޓަކަށް ވެއްދިއެވެ. ނަޢީމާގެ ދިރިއުޅުމާއިބެހޭ ގޮތުން ސުވާލެއްވެސް ނުކުރެވިގެން އުޅެނިކޮށް އަހުރެންގެ ދިރިއުޅުމާއިބެހޭ ގޮތުން ސުވާލުތައް ކުރަން ފެށުމުން ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. މާލެއައި ސަބަބުވެސް ބުނީމެވެ. 

ނަޢީމާ ބުނީ މިރެއިން ފެށިގެން ކޮއްކޮ ބަހައްޓާނީ އޭނާގެ ގޭގައި ކަމަށެވެ. މިހާރު މިއީ ކުޑަކުއްޖެއް ނޫން ކަމަށާއި ރަނގަޅު މީހަކު ހޯދައިގެން ކައިވެނިކުރަން މައިންބަފައިން ހުއްދަދީފައިވާ ކަމަށެވެ. އެހެންވީމާ އަވަހަށް ދެމީހުން ކައިވެނިކުރަންވީ ކަމަށާއި ހުރިހާ ޚަރަދެއްވެސް ކުރާނީ އޭނާ ކަމަށެވެ. 

10 ވަރަކަށް ދުވަސްފަހުން ކައިވެނިކުރެވުނެވެ. އެހިސާބުން ނަޢީމާގެ ބައްޕަގެ މުވައްޒިފެއްގެ ގޮތުގައި މަސައްކަތްކުރަން ފެށީއެވެ. މިއީ 30 އަހަރު ފަހެވެ. ހިންގަނީ ދެމަފިރިންގެ އަމިއްލަ ވިޔަފާރިއެވެ. 

އަހު7ރެންގެ މިވާހަކައިން ކިޔުންތެރިންނަށް މާޚާއްޞަކަމެއް ފާހަގަނުކުރެވިދާނެއެވެ. އެކަމަކު އަހުރެންނަށް ފާހަގަ ކުރެވެއެވެ. އެއީ ޒުވާން ޢުމުރުގައިވެސް ތިމާގެ އުފާތަކުގެ ކުރިއަށް ޢާއިލީ ޒިންމާ ނެގުމުން ލިބޭ ބޮޑު ކުރިއެރުމެވެ. 

އަޅުގަނޑު އެއިރު މާލެއާއި ނަޢީމާ ދޫކޮށްލާފައި ކޮއްކޮ ބަލަން ދިއައީ ކަރުނައަޅަމުންނެވެ. އަދި މާލޭގައި ހުންނަން ނިންމިނަމަ ވަޒީފާއެއް ލިބޭނެކަންވެސް އެނގިހުރެއެވެ. އެއިގެ ބަދަލު ލިބުނުލެއް ފުރިހަމަކަމުން އެނގެނީ އެންމެ ކަމެކެވެ. ޢާއިލީ ޒިންމާ އުފުލާ މީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެ ކަމެވެ. 

އަހުރެންގެ ޙަޔާތުގެ މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ ޢިބްރަތްތެރި ފިލާވަޅަކަށްވާނެ ކަމަށެވެ.

 

- ޝާފިޢު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން