އަނެކާއަށް ޤަދަރު ކުރުމަކީ ލޯބިއިތުރުވެ ގުޅުން ބަދަހިވާނެ ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
އަނެކާއަށް ޤަދަރު ކުރުމަކީ ލޯބިއިތުރުވެ ގުޅުން ބަދަހިވާނެ ކަމެއް! އިން ޝާ ﷲ

ދެމަފިރިންގެ މެދުގައި ލޯބިއިތުރުވެ ގުޅުންބަދަހިވާނެ ކަންކަމުގެ ތެރޭގައި އެކަކު އަނެކަކަށް ޤަދަރާއި އިޙްތިރާމްކުރުން ހިމެނެއެވެ. އަނެކާއަށް ޤަދަރުކުރަންވީ އޭނާ މާމޮޅުވެގެނެއް ނޫނެވެ. ތިމާގެ ބައިވެރިޔާކަމަށްވީތީއެވެ. ފިރިމީހާ އަނބިމީހާއަށް، އަނބިމީހާ ފިރިމިހާއަށް ޤަދަރުކުރުމަކީ ކުރަންޖެހޭ ކަމަކަށްވާތީއެވެ. 

މިޘާލެއްގެ ގޮތުން ކުޑަކުޑަކުޑަ ކަމެއް ފާހަގަކޮށްލާނަމެވެ. ގޭގައި އުޅޭ ވަޤުތުތަކުގައި ދެމަފިރިން އަބަދު ތިބޭނީ އެއްކޮޓަރިއެއްގައެއް ނޫނެވެ. މިޘާލަކަށް އަނބިމީހާ ސިޓީންގރޫމްގައި އިނދެފާނެއެވެ. ފިރިމީހާ ނިދާކޮޓަރީގައި އުޅެފާނެއެވެ.  

އެފަދަ ވަޤުތެއްގައިވެސް އެކަކު އަނެކެއްގެ ގާތުގައި ވާހަކައެއް ބުނަން ކޮންމެހެން މަޖުބޫރުވެގެން ނޫނީ އަޑުގަދަނުކުރާށެވެ. އަނެކާ ހުރި ތަނަކަށް ގޮސް ވާހަކަދައްކާށެވެ. އެކަމުން އަންގައިދޭނީ ދެމީހުން އެކަކު އަނެކަށް ކުރާ އިޙްތިރާމެވެ. ޤަދަރުކުރާވަރެވެ.  

ދަރިން ގޭގައި ތިބޭ ވަޤުތުތަކުގައި މިކަމަށް ބޮޑަށް ސަމާލުކަންދޭށެވެ. ދަރިންނަށްވެސް އެގޮތް ދަސްވާނީ އެއިރުންނެވެ.  

މިއީ އެއިގެ ޒާތަށް ބަލައިފިނަމަ ވަރަށް އާދައިގެ ވަރަށް ކުދިކުދި ކަންކަމަށްވުމުން ގިނަ ބައަކު ސަމާލުކަމެއް ނުދެއެވެ. އެހެން ނުހަދާށެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ބަދަހިވެ ރަނގަޅު ގޮތުގައި ކުރިއަށްދާނީ އެކަކު އަނެކަކަށް އިޙްތިރާމްކޮށް ޤަދަރުކުރިވަރަކުންނެވެ.  

މިކަމުގައި ދިމާވާ އިތުރު މައްސަލައެއްވެސް ފާހަގަކޮށްލާނަމެވެ. ކުރިން ބުނިފަދައިން ދެމީހުން ދެތަނެއްގައި ތިބޭއިރު ދަރިއަކަށް ކާންދިނުން ފަދަ ކަމެއްގައިވެސް އަނބިމީހާ އިނދެދާނެއެވެ. އެހެން އިނދެފައި އެވަޤުތު ދެވެން ނެތްވާހަކަ ހަމައެހައި އަޑުގަދަކޮށްބުނީމާ އެންމެ ތުއްތުއިރުންސުރެ ދަރިންނަށް ކަންކަން ދަސްވާނެ ގޮތް ހިތަށް ގެންނާށެވެ.  

އަހުރެންގެ ނަޞޭޙަތަކީ ގޭގައި ނޯކަރަކު ގެންގުޅުނުނަމަވެސް އެމީހަކާއިމެދުގައިވެސް ހަމަ މިގޮތަށް ޢަމަލުކުރުމެވެ. ނޯކަރެއްކަމަށްވީތީ ޤަދަރާއި އިޙްތިރާމްކުރުމުގައި ތަފާތުނުކުރުމެވެ. އޭނާއަކީ ނޯކަރެއް ނަމަވެސް އޭނާއަކީވެސް ހަމަ ﷲ ތަޢާލާ އުފައްދަވާފައިވާ އިންސާނެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން