ބޭރު ޤައުމެއްގައި 2 އަަހރު ހުރެ ކިޔަވައިގެން އެނބުރި އައިރު މާމް ފެންނަން ނެތުމުން މާމަކޮބައިތޯ ސުވާލުކުރުމުން ބައްޕަ ބުނީ މާމަގެ އަނގަ ގަދަވެފަ ގައިން ނުބައިވަސްދުވާތީ ގޭގަ ނުގެންގުޅެންވެގެން މުސްކުޅިން ބަލަހައްޓާ ތަނަކަށް ގެގޮސްފައިވާ ކަމަށެވެ. އެދުވަހަކު ދަރިފުޅު އެއްވެސް އެއްޗެއް ނުބުނެއެވެ.
ޖެހިގެންއައި ދުވަހު ގޮސް މާމަ ޢާއި ބައްދަލުކޮށް ގެއަށް ދިއައީ މާމަގޮވައިގެންނެވެ. މާމަ ގެއަށް ނުވައްދައި ބޭރުގައި ބައިންދާފައި ގެއަށް ވަދެ ބައްޕަގެ ގާތުގައި ބުނީ ހަމަ މިހާރު މިގެއިން ނުކުމެގެން ދިއުމަށެވެ. ދާނެ ތަނމެއް ނެތްނަމަ މުސްކުޅިން ބަލަހައްޓައިދޭ ތަނަކަށް ގެންގޮސްދީފާނެ ކަމަށެވެ. މުސްކުޅި ޢުމުރުގައި ގެއިން ނެރެލަނީ ކީއްވެގެންތޯ އާއި ކުޑައިރުންސުރެ ގެންގުޅެ ބޮޑުކޮށް ކިޔަވައިދީ ގެވެސް ދިނީމާ ހަދަންޖެހޭ ގޮތަކީ އެއީތޯ ސުވާލުކުރީމާ ބުންޏެވެ.
"ބައްޕާއެވެ! ބައްޕަގެ ކިބައިންވެސް އަހުރެން އެހައި ހިތްހަމަ ނުޖެހޭ އެތައް ކަމެއް އެބަފެނެއެވެ. މިގެއަކީ ބައްޕައަށް މާމަދިން ގެއެކެވެ. އަޅުގަނޑަށް ގެދިނީ ބައްޕައެވެ. ވީމާ މާމަގެ ކިބައިން ބައްޕަގެ ހިތްހަމަނުޖެހޭ ކަމެއް ފެންނައިރަށް ގެންގޮސް މުސްކުޅިން ބަލަހައްޓައިދޭ ތަނަކަށް އެއްލައިލުން ރަނގަޅު ކަމަކަށްވެފައި އަޅުގަނޑު ބައްޕައަށް އެގޮތަށް ކަންތައް ކުރުން ގޯސްކަމަކަށްވާންވީ ކީއްވެގެން ހެއްޔެވެ؟ ބައްޕަ ކުޑައިރުވެސް ގެންގުޅުނީ އަދި ކިޔަވައިދީ ހުރިހާ ކަމެއް ކޮށްދިނީ މާމަ ނޫންހެއްޔެވެ؟"
ދޭނެ ޖަވާބެއް ނުވިސްނި އިންނަން ފެށީމާ ބޭރަށް ނުކުމެ މާމަ ގެއަށް ވައްދާފައި ބުންޏެވެ. "އަހުރެންގެ ގެއަކުން އަހުރެންގެ ހުއްދަ ނެތި މާމަނެރުނުކަން އެއީ ބައްޕަކުރި ކުށެކެވެ. މާމަ އާއިހުރެ އުނދަގޫވާނަމަ އޮތީ ބައްޕަ މިގެއިން ނުކުތުމެވެ. އެކަމަށް ގޮތް ނިންމުމުގެ އިޚްތިޔާރު ބައްޕައަށް ލިބިގެންވެއެވެ. މިގޭގައި ކުރިން އުޅުނު ގޮތަށް އެންމެން އެކުގައި އުފަލުގައި އުޅުމުގެ އިޚްތިޔާރުވެސް ލިބިގެންވެއެވެ. ބޭނުން ގޮތަކަށް ޢަމަލުކުރަންވީއެވެ.
އެހިސާބުން ބައްޕަ ދެއްކި ވާހަކަތަކުން އެނގުނީ މާމައާއިހުރެ އުނދަގޫވީ ދޮންމަންމައަށްކަމެވެ. އެކަމަކު ދަރިފުޅު އެކަމަށް އިތުރަށް ބަހެއް ނުބުނެއެވެ. ބައްޕައަށް ކުރެވުނު ކޮށް ވިސްނި ބައްޕަގެ މަންމަގެ ކިބައިން މާފަށް އެދުނެވެ. ދަރިފޫޅުގެ ކިބައިންވެސް މާފަށް އެދުނެވެ. ދޮންމަންމައަށް ބުނެވޭނެ އެއްޗެއް ނެތުމުން މަޑުން އިނީއެވެ.
މިޙާދިސާ މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިނީ ޙާދިސާއިން ޙާޞިލުކުރަންޖެހޭ ފިލާވަޅުގެ މުހިންމުކަން ބޮޑުކަމުންނެވެ. ރާއްޖޭގައި މުސްކުޅިން ބަލަހައްޓައިދޭ ތަންތަން އަދި ނެތުމުން އެގޮތަށް ގެންގޮސް ނުލެވުނު ނަމަވެސް މުސްކުޅިވުމުން ބާކީކޮށްލާފައި ތިބި މައިންބަފައިން މަދެއް ނޫނެވެ. އުންމީދުކުރަނީ އެދަރިފުޅު އޭނާގެ ބައްޕައަށް އެދިން އަގުހުރި ފިލާވަޅު ލިބިގަންނަން ޖެހިފައި ތިބި ދަރިންނަށް މިވާހަކަކޮޅުން ފައިދާކުރާނެ ކަމަށެވެ.
- މިއަދުނޫސް