ކައްވަޅުން ތެދުވެ މަޙްޝަރު މައިދާނަށްދާން ކުރިއަށް ނުދެވިގެން ބަނޑު ބިންމަތީގަ ފުރޮޅަމުން ކުރިއަށްދާންޖެހޭނެ މީހުން އަންނަނީ ގިނަވަމުން!-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ކައްވަޅުން ތެދުވެ މަޙްޝަރު މައިދާނަށްދާން ކުރިއަށް ނުދެވިގެން ބަނޑު ބިންމަތީގަ ފުރޮޅަމުން ކުރިއަށްދާންޖެހޭނެ މީހުން އަންނަނީ ގިނަވަމުން!-

ޤިޔާމަތްވުމުގެ ތާޅަފިލި ފުންމަވައިލެއްވެވުމުން މީސްތަކުން ކައްވަޅުތަކުން ތެދުވާނީ ވަރަށް ބޮޑު އަނދިރިކަމެއްގެ ތެރެއަށެވެ. ބައެއް މީހުންގެ ވަށައިގެން ބޮޑެތި އަލިކަން ހުންނާނެއެވެ. އަނެއްބައި މީހުންގެ ވަށައިގެން ހުންނާނީ ނިވިދިއްލޭ ހުޅުކޮޅެއް ފަދަ ކުޑަކުޑަ އައްޔެކެވެ. ޢިލްމްވެރިން ބަޔާން ކުރައްވަވާ ގޮތުގައި އެމީހަކަށް އަލިކަން ލިބޭނީ އެމީހަކު ހެޔޮ އަމަލުކުރި ނިޞްބަތަކުންނެވެ. 

ކައްވަޅުން ތެދުވެ އެމީހެއްގެ ބަނޑު ބޮޑުކަމުން ނުތެދުވެވޭނެ، އަދި ހިނގައި ނުގަނެވޭނެ ބައަކު ތިބޭނެއެވެ. ތެދުވަން އުޅޭ އިރަށް ބަނޑާއި ހުރެ ވެއްޓޭނެއެވެ. އެމީހުންނަށް ކުރިއަށް ދާންޖެހޭނީ ބިންމަތީގައި ފުރޮޅަމުންނެވެ. އެއީ ރިބާ ކައިއިޅުނު މީހުންނެވެ. 

"ރިބާ ކާ މީހުން، ޖިންނި މޮޔަވެގެން، ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (ޤިޔާމަތް  ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ރިބާ ކަހަލަކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، ﷲ،، ހުއްދަ ކުރައްވާފައެވެ. އަދި، ރިބާ ވަނީ ޙަރާމް ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރަސްކަލާނގެ ޙަޟްރަތުން ދެއްވާ ވަޢުޛް އާއި ނަޞޭޙަތް، އެމީހަކާ ހަމައަށް އައުމުން އެކަން (އެބަހީ: ރިބާ ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިއަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: ރިބާ ގެ ޙުކުމް ތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، ﷲ އަށް ޚާއްޞަ ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ އަހުލު ވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބައެކެވެ" (ބަޤަރާ: 275)  

މީސްތަކުންނޭވެ! ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަންކަމުގެ ނަން ބަދަލުކޮށް ޙުކުމްތައް އޮޅުވައިލާނެ ބައަކު އަންނާނެކަން ރަސޫލް (ޞޢވ) ވަނީ ބަޔާން ކުރައްވަވައިފައެވެ. ވީމާ ރިބާއަށް ވެސް މިހާރު މިކިޔަނީ ރީތިހައި ނަންތަކެވެ. ކިތަންމެ ރީތި ނަމެއް ބޭނުންކޮށްގެން ނަމަވެސް ރިބާ ކައިފި މީހަކަށް ވާނެ ގޮތް މިއާޔަތުން އެ އޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ!  

މަޙްޝަރު މައިދާނަށްވެސް ހިނގާފައި ނުދެވެނީއެވެ. ދާން މިޖެހެނީ ފުރޮޅެމުންނެވެ. ﷲ ތަޢާލާ މީހަކަށް ޢަޖާބެއް ދެއްވެވުމުގެ ގޮތުން މިފަދަ ހާލަތެއް ކުރިމަތިކުރައްވަވައިފިނަމަ އަޅާނެ ވޭން ހިތަށް ގެންނާށެވެ! ރިބާކާ މީހުންނަށް މިޙާލު މިޖައްސަވަނީ ނަރަކައަށް ވެއްދެވުމުގެ ވެސް ކުރިންނެވެ. ވީމާ އެކަމުގައި ހުރި ނުރައްކައުތެރިކަމުގެ ބޮޑުކަމަށް ވިސްނާށެވެ!  

ކުރިމަތިވާ މާލީ ދަތިކަމަކާއި ގުޅިގެން ޙައްލު ހޯދަން ނަމަވެސް ރިބާ ހިމެނޭ ލޯނު ނަގާ މީހުން މިކަންކަމަސް ވިސްނާލަންޖެހޭނެއެވެ! މިބަޔާންކުރީ މިދުނިޔޭގައި އުފާވެރިކަން ލިބުނު ނަމަވެސް އާޚިރަތް ދުވަހު ކަންކަންވާނެ ގޮތެވެ. ތިމާއަށް ޖެހޭނެ ޙާލެވެ. 

 

ޝައިޚް ވައްހާޖް ޠަރިންގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން