ރަނގަޅު އަންތބެއް ނުވަތަ ރަނގަޅު ފިރިއަކު ލިބުން މިހާ އުނދަގޫވެގެން މިއުޅެނީ ކީއްވެ؟
މިއީ ގިނަބައަކު އެންމެ ގިނައިން ކުރާ އެއް ސުވާލެވެ. އަދި ގިނަ ބައަކަށް ކުރިމަތިވެފައި އޮންނަ އެންމެ ބޮޑު މައްސަލަ ކަމަށްވެސް ބުނެވިދާނެއެވެ.
ފުރަތަމ މިގޮތަށް ވިސްނައިލާށެވެ! ޖަޕާނުފަދަ ބައެއް ޤައުމުތަކުގައި އެއުޅެނީ ޢުމުރުން ދުވަސްވީ މީހުން ގިނަވެގެންނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެޤައުމުގައި އުޅޭ ޢުމުރުން ދުވަސްވީ މީހުނެގެ ޢަދަދު ގިނަވީމައެވެ. މިކަމުން އެނގޭ ކަމަކީ އެމުޖުތަމަޢުގައި ގިނަވާނީ އާބާދީގައި ނިޞްބަތް ގިނަ ބައަކު ކަމެވެ.
އަހުރެމެންނަށް ވެގެން މިއުޅޭ ގޮތަކީ ކޮންމެ މީހަކުވެސް ރަނގަޅު ބައިވެރިއަކަށް ބޭނުންވެއެވެ. އަންހެނަކު ނަމަ ރަނގަޅު ފިރިއަކަށެވެ. ފިރިހެނަކު ނަމަ ރަނގަޅު އަންތބަކަށެވެ. ކިހާވަރަކަށް ރަނގަޅު ހެއްޔެވެ؟ އެންމެ އެންމެ ރަނގަޅެވެ. އެކަމަކު ތިމާއަކީ އެންމެ ރަނގަޅު މީހަކަށް ނުވެވޭތަނުގައި ރަނގަޅު މީހަކަށްވުމަކަށްވެސް ބޭނުމެއް ނުވެވެއެވެ. އުޅެވެނީ ނުރަނގަޅު މީހެއްގެ ގޮތުގައެވެ. ކުރެވެނީ ނުރަނގަޅު މީހުން ކުރާ ކަންކަމެވެ.
މިކަމަށްވެސް ވިސްނައިލާށެވެ! އެންމެހައި އިންސާނުންގެ ތެރެއިން އަނބިދަރިންވެސް ހިމެނޭ ގޮތަށް ޢާއިލާއަށް އެންމެ ހެޔޮ އިންސާނަކީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި- ވަސައްލަމައެވެ. ކޮންމެ އަންހެނަކުވެސް ބޭނުން މިވަނީ އެފަދަ ފިރިއެކެވެ. ޚަދީޖަތުގެފާނުވަނީ ފިރިކަލުންދެކެ ލޯބިފުޅުވެވަޑައިގަތުމުގެ އިތުރުން އަމިއްލަފުޅު ތަނަވަސްކަން ޤުރްބާންކުރެއްވެވުމުގައި އުންމަތަށް ނަމޫނާ ދައްކަވައި ދެއްވަވައިފައެވެ. ކޮންމެ ފިރިހެނަކުވެސް ބޭނުންވަނީ އެފަދަ އަންތބަކަށެވެ.
އެކަމަކު ޚަދީޖަތުގެފާނާއިމެދު ރަސޫލް ޞައްލަﷲ ޢަލައިހި- ވަސައްލަމަ ޢަމަލުފުޅު ކުރެއްވެވި ގޮތަށް އަދި ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަ އާއިމެދު ޚަދީޖަތުގެފާނު ޢަމަލުފުޅު ކުރެއްވެވި ގޮތާއި ގާތަކަށްވެސް ފިރިމީހާ ނުވަތަ އަނބިމީހާ އާއިމެދު ޢަމަލުކުރަން ބޭނުންވާ މީހަކު ނެތެވެ.
ރަނގަޅު ފިރިން ލިބޭނީ ރަނގަޅު ފިރިހެނުން ތިބެގެންނެވެ. ރަނގަޅު އަނބިން ލިބޭނީ ރަނގަޅު އަންހެނުން ތިބެގެންނެވެ. ވީމާ މިކަމުގައި އޮތް ހަމައެކަނި ޙައްލަކީ ތިމާއަކީ ރަނގަޅު މީހަކަށްވުމަށް އެންމެންވެސް ގަދައަޅައި މަސައްކަތްކުރުމެވެ. ރަނގަޅު މީހުން ގިނަވީމާ ރަނގަޅު ފިރިންވެސް އަދި އަނބިންވެސް ލިބުންވެސް ފަސޭހަވާނެއެވެ. މަދުވީމާ ލިބުން އުނދަގޫވާނެއެވެ. ވީމާ ޙައްލު މިއޮތީ ހަމަ އަހުރެމެންގެ އަތްމަތީގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން