ކައިވެނި ރޫލަންވެގެން މަޝްވަތާކުރާ ގިނަ މީހުންނަކީ ދަރިން ލިބޭފަހުން ކައިވެނި ރޫޅައިލަން ބޭނުންވާ މީހުންނެވެ. ދަރިން ލިބޭފަހުން ކައިވެނި ރޫޅާލަން ބޭނުންވެގެން އަހުރެންނާ މަޝަވަރާކުރާ މީހުންނަށް އަހުރެން ވިސްނައިދިނުމަށް މިސުވާލުކުރަމެވެ.
"ރޫޅައިލަން ތިއައުޅެނީ ޢާއިލާއެވެ! ބައިވެރިޔާގެ އިތުރުން ދަރިން އެބަތިއްބެވެ. އެދަރިންނަކީ ތިބާގެ މުސްތަޤްބަލް އުޖާލާކޮށްދޭނެ ދަރިންނެވެ. ތިބާއަށް އެހީތެރިވެދޭން ތިބި ބައެކެވެ. އެއެންމެން ދޫކޮށްލާފައި ތިބާ ތިއަގުޅެނީ އެހެންމީހަކާއެވެ. ކުރިން މިބުނި ފަދައިން ޢާއިލާއަށްވުރެ ބޮޑަށް އެ އެންމެ މީހަކު ތިބާއަށް އަޅާލައި އެހީތެރިވެދޭނެކަމަށް ޤަބޫލުކުރެވެނީހެއްޔެވެ؟"
ނަތީޖާވެސް ރަނގަޅެވެ. ގިނަބައަކު އަހުރެންދައްކާ ވާހަކަ އަޑުއެހުމަށްފަހު ވިސްނުން ބަދަލުކުރެއެވެ. ކައިވެނި ރޫޅާނުލައި ކެތްތެރިވެއެވެ.
ކައިވެނި ރޫޅާލަން ނިންމަނީ ދެމީހުންކުރެ ކޮންމެ މީހަކު ނަމަވެސް ހަމަމިވިސްނުމުން ވިސްނައިލާށެވެ! މީހަކު ދެކެ ލޯބިވެވޭއިރަށް ޢާއިލާ ޢާއި ވަކިވަން ހެޔޮވާނެކަމާއިމެދުގައެވެ. ޢާއިލާޢިން ތިމާއަށް ކުރާނެ ފައިދާއާއިމެދުގައެވެ.
އަދިވެސް ވިސްނައިލާށެވެ! ޒަވާޖީޙަޔާތެއް ފަށައި ދަރިން ލިބުމުން ފިރިމީހާ ދަރިންނަށް ޚަރަދުކުރެއެވެ. ދުވަސްކޮޅެއވާއިރު އެތައް ބައިވަރު ފައިސާތަކެއް ޚަރަދުކުރެއެވެ. ވަޒީފާ އަދާނުކުރާ މަންމައަކުނަމަ ދަރިންބަލަން ބޮޑެތި ޤުރްބާނީތަކެއް ވެއެވެ. ތިމާ އެހައި ލޯބިން ގެންގުޅުނު ދަރިންކޮޅު ނިކަމެތިކޮށްލަންވެދާނެ ހެއްޔެވެ؟
މައްސަލައެއް ނެތެވެ. ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހުނީއެވެ. އެހިސާބުން ވިސްނައިލަންވީ ޖެހުނު މައްސަލައާއި ގުޅިގެން ކައިވެނި ރޫޅާލައިފިނަމަ ބޮޑީ ތިމާއަށް ގެއްލިގެންދާބައިހެއްޔެވެ؟ ފަހުން ހޯދި ލޯބިވެރިޔާގެ ބުރަދަން މިހުރިހާ ކަންކަމަށްވުރެވެސް ހަމަ ބޮޑީ ހެއްޔެވެ؟
އަހުރެން ބުނާނީ ހަމައެއްގޮތަކަށްވެސް ބުރަނުވާނެ ކަމަށެވެ. މައްސަލަ ޖެހެނީ ހަމައެކަނި ލޯބި މުހިންމުވާތީއެވެ. ތިމާއަށް ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތުތަކާއި ތިމާގެ މުސްތަޤްބަލުގެ ބުރަދަން ފަހުން ތިއަވީ ލޯތްބަށްވުރެ އެތައްހާސްގުނައަކަށް ބުރަވާނެއެވެ.
ވީމާ ވަރިވުމުގެ ކުރިން ނުވަތަ ވަރިކުރުމުގެ ކުރިން މިކަންކަމަށް ފުންކޮށްވިސްނައިލާށެވެ. އެއިރުން ހެޔޮ ގޮތް ވިސްނޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން