ރަނގަޅު ވިސްނުމެއްގައި ހުރެ ދުވަހުގެ މަސައްކަތްތަކާ ކުރިމަތިލާން ބޭނުންވާ މީހާ މިކަންކަމަށް ސަމާލުކަންދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރަނގަޅު ވިސްނުމެއްގައި ހުރެ ދުވަހުގެ މަސައްކަތްތަކާ ކުރިމަތިލާން ބޭނުންވާ މީހާ މިކަންކަމަށް ސަމާލުކަންދޭށެވެ!

ވިސްނުންތެރިއެއްގެ ބަސްކޮޅަކުން ފަށާނަމެވެ. 

އަހުރެންގެ ސިކުނޑިއަށް ތާޒާކަން ހޯދުމަށްޓަކައި އަހުރެން ވަރަށް ބޮޑަށް ސަމާލުކަންދޭ 3 ކަމެއް ބުނެލާނަމެވެ. 

ފުރަތަމަ ކަމަކީ ދުވަސް ފަށަނީ ވަރަށް ކާމިޔާބު ދުވަހަކަށްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއިއެކުގައެވެ. 

ދެވަނަ ކަމަކީ އަހުރެން މަސައްކަތްކުރަނީ އެހެން މީހުންގެ ކާމިޔާބީއަށް ބަލައިގެނެއް ނޫނެވެ. އަހުރެންނަށް ކާމިޔާބުކުރެވިދާނެ ކަންކަމަށް ބަލައިގެންނެވެ. 

ތިންވަނަ ކަމަކީ ކޮންމެ ރެއަކުވެސް ނިދުމުގެކުރިން އެދުވަހު ހޯދުނު ކާމިޔާބީއަށްޓަކައި އުފާކުރަމެވެ. އަދި މާދަމާއަކީ މިއަދަށްވުރެ ކާމިޔާބު ދުވަހަކަށްވުން އެދި ދުޢާކުރަމެވެ. 

ދެން ކޮންމެ ދުވަހަކުވެސް ޞިއްހަތަށް ފައިދާކުރާނެ ވިޓަމިން ގުޅއެއް ބޭނުންކުރަމެވެ. މިކަންކަމުގެ ސަބަބުން އަހުރެންގެ ސިކުނޑިއަށް ތާޒާކަން ލިބެއެވެ. ސިކުނޑީގެ ޞިއްޙަތު ރަނގަޅުވެއެވެ. 

މިބަސްކޮޅު ބުނެފައިވަނީ މުސްލިމެއް ނޫނެވެ. އެހެންކަމުން އޭނާގެ އެއްވެސް ކަމެއް ދީނާއި ގުޅުވާފައި ނުވިނަމަވެސް އޭނާއަށް ޤަބޫލުކުރެވޭ އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ކޮންމެ ރެއަކު އޭނާ ދުޢާކުރާކަމެވެ. 

އެކަމުން އަންގައިދެނީ އޭނާ ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ކާމިޔާބު ލިބޭނީ އެކަން ހިންމަވައި ދެއްވެވުމުންކަން އޭނާއަށް ޤަބޫލުކުރެވޭކަމެވެ. އަދި ހުރިހާ ބާރުތަކެއްވަނީ އެފަރާތުގައިކަންވެސް އޭނާއަށް ޤަބޫލުކުރެވޭ ކަމެވެ. 

އަހުރެންނަށް ވިސްނޭ ގޮތުން މިވާހަކަކޮޅަށް ފުރިހަމައަށް ވިސްނައިފިނަމަ އަދި އަހުރެމެންގެ ދީނާއިނ ގުޅުވާލައިފިނަމަ ވަރަށް ގިނަ ފައިދާތަކެއް ކުރާނެއެވެ. އިސްލާމް ދީނުގައި އޮތްމަގުން ދުވަސް ފަށައި ނިންމުމުގެ މުހިންމުކަމާއި އެކަމުން ކުރާނެ ފައިދާ އެނގިގެންދާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން