ސަމާލުވޭ! ކުރިއަށް އޮތް ފަސް ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ސަމާލުވޭ! ކުރިއަށް އޮތް ފަސް ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ!

މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވެ، އާންމުގޮތެއްގައި ވައިބާރުވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނެ ކަމަށް ބެލެވެއެވެ.

މި މޫސުމާ ގުޅިގެން ސަލާމަތީބާރުތަކުން ވަނީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކަށް ޚާއްސަ އިލްތިމާސްތަކެއް ކޮށްފައެވެ. މިގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އެ ފަރާތްތަކުން އެދިފައިވެއެވެ.

ސަލާމަތީބާރުތަކުން އިތުރަށް އިލްތިމާސްކޮށްފައިވަނީ ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށެވެ. އަދި ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަންނުދޭ ހާލަތްތަކުގައި މޫސުން ރަނގަޅުވަންދެން ދަތުރު ފަސްކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

ޚާއްސަކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެއްވެސް ހާލެއްގައި ދަތުރު ނުކުރުމަށް ސަލާމަތީބާރުތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މި ދުވަސްވަރު ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ސަލާމަތީބާރުތަކުން ފާހަގަކޮށްފައިވެއެވެ.

މިއަދު އޮންލައިން