ށ. އަތޮޅު ނަރުދޫގައި ކުނި މެނޭޖުކުރާ މަރުކަޒެއް އެޅުމުގެ މަސައްކަތް މިއަދު ފެށިއްޖެއެވެ. މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައިވަނީ ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ތާރިގް އިބްރާހީމާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙްއެވެ. މި މަޝްރޫޢަކީ ރަށުގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫޢެކެވެ.
ސަރުކާރުގެ ވިސްނުމަކީ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރާނެ މަރުކަޒުތައް ޤާއިމްކުރުމެވެ. މިއީ ސަރުކާރުގެ ތިމާވެށި ރައްކާތެރިކުރުމުގެ އެޖެންޑާގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.
ނަރުދޫގައި ޤާއިމްކުރާ މި މަރުކަޒުގެ މަސައްކަތް ނިމުމުން، ރަށުގެ ކުނި ނައްތާލުމުގެ މަސައްކަތް ހަރުދަނާ އުސޫލަކުން ކުރިއަށް ގެންދެވޭނެއެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަގު ފަހިވެގެންދާނެއެވެ.