ކުރީސަރުކާރުން ސެޓަލްމަންޓްގެ ގޮތުގައި އެކިފަރާތްތަކަށް ދީފައިވާ އަދަދު 800 މިލިޔަނަށްވުރެ މައްޗަށް ދާނެ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ، ސެޓަލްމަންޓް ކޮމިޓީގެ ބޭރުންވެސް އެކިއެކި ފަރާތްތަކަށް ބަދަލުތައް ދީފައިވާ ކަމަށެވެ. އަދި މީޑިއޭޝަން މަރުހަލާގައި ދީފައިވާ ބަދަލުތަކާއި، ކޯޓުން ބޭރުން ސެޓަލްމަންޓް ކޮމިޓީ އުފެއްދުމުގެ ކުރިން އަދި އެހެން ކޮމިޓީއެއް އުފައްދައިގެންވެސް މިފަދަ ކަންކަން ކޮށްފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
"އޭގެ ވެލުއޭޝަނެއް އަދި އަޅުގަނޑުމެންނަށް ހެދިފައެއް ނުވޭ، އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރަނީ 800 މިލިޔަނަށްވުރެ މައްޗަށް ދާނެ ކަމަށް،" ބަންޑާރަނައިބު ވިދާޅުވިއެވެ.
މީގެއިތުރުން، ބަންޑާރަނައިބު ފާހަގަކުރެއްވި ގޮތުގައި ކުރީ ސަރުކާރުން ސެޓަލްމަންޓް ކޮމިޓީގެ ބޭރުންވެސް ބައެއް ފަރާތްތަކަށް ބަދަލު ދީފައިވެއެވެ. އަދި އެ ކޮމިޓީ އުފެއްދުމުގެ ކުރިންވެސް އެކި ފަރާތްތަކަށް ބަދަލު ދީފައިވާކަން ފާހަގަކުރެއްވިއެވެ.
ބަންޑާރަނައިބުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ސެޓަލްމަންޓް އެއްބަސްވުންތަކުގެ ދަށުން ދޫކުރި ފަޅުތަކާއި ރަށްތައް މިހާރު ވަނީ ދައުލަތަށް އަނބުރާ ނަގާފައެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލު އަދި ހާމަކުރައްވާފައެއް ނުވެއެވެ.