ށ. މާއުނގޫދޫގައި ފުލުހުންގެ ޕޯސްޓެއް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 7ސ
ށ. މާއުނގޫދޫގައި ފުލުހުންގެ ޕޯސްޓެއް ހުޅުވައިފި

ށ. މާއުނގޫދޫގައި ފުލުހުންގެ ޕޯސްޓެއް ޤާއިމްކޮށް ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މާއުނގޫދޫގައި ޤާއިމްކުރި ފުލުހުންގެ ޑެސްކް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމްއެވެ.

ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލްގެ ރައީސް އާދަމް ސަލީމްއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި އަޕަރ ނޯތު ޕޮލިސްގެ ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ޒުހުރީގެ އިތުރުން ށ. އަތޮޅު ކޮމާންޑަރާއި މާއުނގޫދޫ ކައުންސިލް މެމްބަރުންނާއި އެރަށުގައި ހުރި މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.

ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ ޕޮލިސް ޕޯސްޓް ބައްލަވާލައްވައި، މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

މި ޕޮލިސް ޕޯސްޓުގެ ސަބަބުން މުޖުތަމައަށް ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ފަސޭހަކޮށްދީ، ރަށުގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އަމާން މުޖުތަމަޢުއެއް ކަށަވަރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު މީގެތެރޭގައި ފުލުހުންގެ ޚިދުމަތް ސަރަހައްދީ ފެންވަރުގަިއ ތަރައްޤީކުރުމަށް ބޭނުންވާ ޢިމާރާތާއި، އަތޮޅު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށާއި، ރަށްރަށުގައި ފުލުހުންގެ ޚިދުމަތް އަލުން ފެށުމަށާއި ތަރައްްޤީކުރުމަށް ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރުން ހިމެނެއެވެ. އަދި ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްޤިކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ފުލުހުންގެ ޚިދުމަތް ޒަމާނާއި އެއްގޮތަށް ބައްޓަންކޮށް ރައްޔިތުންގެ އިތުބާރު ލިބޭ ފަދަ ޚިދުމަތަކަށް ހައްދަވާނެ ކަމުގެ ޔަގީންކަން ސީޕީ ނަވީން ވަނީ އާންމު ރައްޔިތުންނަށް ދެއްވާފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން