ސައިބަރ ކްރައިމް ހުއްޓުވުމަށް އދ.ގެ މުއާހަދާގައި ރާއްޖެއިން ބައިވެރިވާން ރުހުން ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ސައިބަރ ކްރައިމް ހުއްޓުވުމަށް އދ.ގެ މުއާހަދާގައި ރާއްޖެއިން ބައިވެރިވާން ރުހުން ދީފި

ސައިބަރ ކްރައިމް ހުއްޓުވުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރާ އދ.ގެ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މި މުއާހަދާއަށް ރުހުން ދިނުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުން ވަނީ ތާއީދު ކުރައްވާފައެވެ.

"ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަރކްރައިމް" ރާއްޖޭން ބަލައިގަނެ، ތަސްދީގުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މި މުއާހަދާއަކީ ސައިބަރ ކްރައިމް ހުއްޓުވުމަށާއި އެކަމާ ދެކޮޅަށް ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން އެކުލަވާލެވިފައިވާ ބައިނަލްއަގުވާމީ ފުރަތަމަ މުއާހަދާއެވެ.

މި މުއާހަދާގައި ސައިބަރ ކްރައިމް ހުއްޓުވުމަށް ޤައުމުތަކުން އަޅަންޖެހޭ ފިޔަވަޅުތައް ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ. އަދި މިއީ ސީރިއަސް ކުށްތަކަށް އިލެކްޓްރޯނިކް ހެކި ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު މުއާހަދާއެކެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އދ. ޤަރާރަކުން ފާސްކޮށްފައިވާ މި މުއާހަދާގައި ޤައުމުތަކުން ސޮއިކުރުމުގެ ރަސްމިއްޔާތު މި މަހުގެ 25 އިން 26 އަށް ވިއެޓްނާމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަކީ، އިތުރަށް ފުޅާވަމުންދާ ސައިބަރ ކުށްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރެއް ކަމުގައި ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން