މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ވަނީ ހަވާލުކޮށްފައެވެ.
މި މަޝްރޫޢު އާރްޑީސީއާ ހަވާލުކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ނަރުދޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޤާސިމް އެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް އެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރައީސުލްޖުމްހޫރިއްޔާ އަތޮޅުތެރޭގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ރަށްރަށުގެ ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ގިނަ މަސައްކަތްތަކެއް އެކި ކުންފުނިތަކާ ހަވާލުކުރަމުން ގެންދަވާކަމެވެ. މިގޮތުން ނަރުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތަކީވެސް މި މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.
މި މަޝްރޫޢުގެ ސަބަބުން ނަރުދޫގެ ރައްޔިތުންނަށް ލިބެމުންދާ ސިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރަނގަޅު ފެންވަރެއްގައި މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.