ދިވެހި ބިންތަކަކީ ފައިދާހުރި މޭވާއާއި، ތަރުކާރީ އަދި ގޮވާމާއި ފަލަމަޑި ލިބޭ، މުޑުވައްކުރަން ރަނގަޅު ބިންތަކެއްކަން ކާބަފައިން ވަނީ ސާބިތުކޮށްދީފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދަނޑުވެރީންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، "ދަނޑުވެރީންގެ ދުވަހުގެ ހެޔޮ އެދުންތައް މި ޞިނާޢަތް ކުރިއަރުވައި ފުޅާކުރަން ހީވާގިކަމާއެކު މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު މި ދަންނަވަނީ ރާއްޖޭގައި ގައުމަށް ފުދޭވަރަށް، ފުޑް ސެކިޔުރިޓީ ޤާއިމު ކުރެވޭ ވަރަށް، ދަނޑުވެރިކަން ފުޅާކުރެވޭނެކަމުގެ ފޮނި އުންމީދުތަކާއެކު" ކަމަށެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދަނޑުވެރީންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ ދަނޑުވެރީންގެ ދުވަހުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ ރަނގަޅު ކާނާއާއި ފަހި ކުރިމަގަކަށް އެންމެން އަތުގުޅާލުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ދަނޑުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިގްތިސާދަށް މުހިންމު ދައުރެއް އަދާކުރާ ސިނާއަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަދި ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.