ހުޅުމާލެ ފޭސް 1 ގައި އިމިގްރޭޝަންގެ ޓާސްކްފޯސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ އަދި މަސައްކަތްކުރަމުންދިޔަ 12 ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ވިޔަފާރިތައް ހިންގާ އަދި އެފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވުނު 12 މީހުންގެ ތެރޭގައި ހިމެނެނީ ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅުނު 5 މީހުންނާއި، ބިދޭސީން ރެކްރޫޓްކޮށް އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ 3 މީހުންނާއި، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަމުންދިޔަ 4 މީހުންނެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ އަދި މަސައްކަތްކުރާ ބިދޭސީންގެ މައްސަލައަކީ ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެމުންދާ މައްސަލައެކެވެ. މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ މި މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިންނެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައިވެސް ހިންގަމުން ގެންދާނެ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.