ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މިލަންދުއަށް ވަޑައިގަތުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުންގެ ފަރާތުން ހޫނު މަރުޙަބާއެއް ވަނީ ދަންނަވާފައެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، މިލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި މިލަންދޫގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒާއި، ހޮސްޕިޓަލް އަދި އިސްލާމިކް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެއިތުރުން، އެރަށުގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން އިމާރާތްކޮށްފައިވާ ފުޓްސަލް ދަނޑާއި ވޮލީ ކޯޓު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުވެސް ކުރިއަށްދާނެއެވެ. އަދި މިލަންދޫގެ ތަރައްޤީއަށް އިތުރު ހިޔާވަހިކަމެއްގެ ގޮތުން ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއެކު، އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތްވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.