އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖެރީ ޑިޕާޓްމަންޓުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ފުރިހަމަކުރުމުގެ ގޮތުން، އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަކުލު ހުޅުގެ ސަރޖަރީ ހަދަން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާޤު ހަލީމް ވިދާޅުވި ގޮތުގައި، މިހާރު ބޭނުންކުރަން ފަށާފައިވާ އާރތްރޮސްކޮޕީ ޓަވަރަކީ ހަތަރު ގުނަ ސާފުކޮށް ފެންނަ 4 ކޭ ޓެކްނޮލޮޖީ ބޭނުންކުރާ އެންމެ ފަހުގެ ސިސްޓަމެކެވެ.
"މި އާ ސިސްޓަމާއެކު ބަލި ދެނެގަތުމާއި، ޚާއްސަކޮށް ކުޅިވަރުގެ ސަބަބުން ލިބޭ އަނިޔާތަކަށް ފަރުވާ ދިނުމުގައި އެންމެ ޒަމާނީ ގޮތްތައް ބޭނުންކުރެވޭނެ،" ސީއީއޯ ވިދާޅުވިއެވެ.
ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކުރުމަށް އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުވާ ދިނުމަށް ޑޮކްޓަރުންނާއި ނަރުހުން ކުރައްވާ މަސައްކަތަށް ސީއީއޯ ވަނީ އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
އައިޖީއެމްއެޗްގެ އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖެރީ ޑިޕާޓްމަންޓުން މި އާ ޓެކްނޮލޮޖީ ބޭނުންކުރަން ފެށުމާއެކު، ކުރިން ރާއްޖެއިން ބޭރަށް ގޮސްގެން ހަދަންޖެހޭ ބައެއް ސަރޖަރީތައް ރާއްޖޭގައި ހެދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި މީގެ ސަބަބުން ބަލިމީހުންނަށް ފަސޭހަވެ، ޚަރަދު ކުޑަވެގެންދާނެއެވެ.