ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސްއިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ހިމެނޭ ދެ ކޮންޓޭނަރ ގެއްލުނު މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ 4 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މުވައްސަސާއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އަހަރުގެ އޭޕްރިލް 26 ގައި ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓޭނަރުގެ ސިނގިރެޓް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ މި މަހުގެ 9 ވަނަ ދުވަހު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން މިހާތަނަށް 12 މީހެއްގެ ފުރުން މަނާކޮށް، އުޅަނދުތަކާއި ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ހައްޔަރުކުރެވުނު 4 މީހުންގެ ތެރޭގައި ދެ ވިޔަފާރިވެރިޔަކާއި، ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އަދި އިތުރު މީހަކު ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން ރޭގައި ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެއްވެސް ކުރިއަށް ގެންގޮސްފައެވެ. އަދި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ މިންވަރަކުން އިތުރު މަޢުލޫމާތު އާންމުކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ގެއްލުނު ސިނގިރެޓް ހިމެނޭ ދެ ކޮންޓޭނަރުގައި ޖުމުލަ 1،360 ކޭސް ސިނގިރެޓް ހުރި ކަމަށާއި، އެއީ 13.6 މިލިއަން ސިނގިރެޓް ސްޓިކް ކަމަށް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ. މި ސިނގިރެޓްތަކަށް ޑިއުޓީ ދައްކާއިރު، ޖުމުލަ 122 މިލިއަން ރުފިޔާ އަރާނެ ކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.