ށ. މިލަންދޫ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު މިލަންދޫގައި ބޭއްވުނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، އޮނަރަބަލް މޫސާ ޒަމީރެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، މިލަންދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
2,078 މީހުންގެ އާބާދީއެއް އޮންނަ މިލަންދޫގެ ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދަކީ ޞިއްޙީ ޚިދުމަތް ރަށުގައި ރަނގަޅުވެގެން ދިއުމެވެ. މި ހޮސްޕިޓަލްގެ މަސައްކަތް ނިމުމުން، ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ހޯދޭ ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފުޅާވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
110.87 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، 38,087 އަކަފޫޓުގެ ސަރަހައްދެއްގައި 30 އެނދު ހިމެނޭ 2 ފަންގިފިލާގެ ޢިމާރާތެއް ބިނާކުރެވޭނެއެވެ. މީގެ އިތުރުން، 2,563 އަކަފޫޓުގެ ސަރަހައްދެއްގައި އެހެނިހެން ޚިދުމަތްތައް ދިނުމަށް ޚާއްސަކުރެވިފައިވާ އެއް ފަންގިފިލާގެ އިމާރާތަކާއި، 3,573 އަކަފޫޓުގެ ސަރަހައްދެއްގައި މުވައްޒަފުން ތިބުމަށް ޚާއްސަކުރެވިފައިވާ 2 ފަންގިފިލާގެ އިމާރާތެއް ބިނާކުރެވޭނެއެވެ. މި މަޝްރޫޢު 600 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.