މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓޭނަރެއްގެ މުދާ ހުޅުމާލެ އިންޓަނޭޝަނަލް ޓަރމިނަލް އިން ގެއްލުނު މައްސަލައިގައި އެމްޕީއެލްގެ 6 މުވައްޒަފުން ވަނީ ސަސްޕެންޑް ކޮށްފައެވެ.
އެމްޕީއެލްއިން މިކަމާ ގުޅޭގޮތުން ދިން މަޢުލޫމާތުގައި ބުނެފައިވަނީ، ކުންފުނީގެ ތަޙުޤީޤުން މިހާތަނަށް ހޯދިފައިވާ މަޢުލޫމާތަށް ބިނާކޮށް، 12 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން 5 މުވައްޒަފުން ސަސްޕެންޑް ކުރުމަށްފަހު، އިތުރު މުވައްޒަފަކު 15 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން ވަނީ ސަސްޕެންޑް ކޮށްފައެވެ. މި މައްސަލައިގެ ތަޙުޤީޤު އަދި އޮޑިޓްގެ މަސައްކަތްތައް އެމްޕީއެލްގެ ތަޙުޤީޤު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓަރނަލް އޮޑިޓުން މިހާރުވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.
މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައަކަށްވާތީ، "ކުންފުނީގެ ތަޙުޤީޤު ކުރިއަށް ގެންދަނީ ފުލުހުންގެ ތަޙުޤީޤަށް ހުރަސްނޭޅޭ ގޮތަށް" ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ. އަދި މައްސަލައިގެ ފުރަތަމަ ދުވަހުން ފެށިގެން ފުލުހުންގެ ތަޙުޤީޤަށް ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.
އެމްޕީއެލްއިން އިތުރަށް ފާހަގަކޮށްފައިވަނީ، އެ ކުންފުނިން ބަލަހައްޓަމުންދާ ޕޯޓްތަކުގެ ސެކިއުރިޓީ ތަންފީޒުކުރަނީ އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައި.އެސް.ޕީ.އެސް) ކޯޑްގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި، މި ޕޯޓަކީ ދާއިމީކޮށް އައި.އެސް.ޕީ.އެސް އޮޑިޓް ހެދި، އެ މިންގަނޑަށް ފެތޭ ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުންދާ ޕޯޓެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ސެކިއުރިޓީ އާކިޓެކްޗަރ އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ދައުލަތުގެ ކަމާބެހޭ އިދާރާތަކާއެކު ވަނީ ފަށާފައެވެ. އަދި ކަސްޓަމްސްއިން ހިފަހައްޓާ މުދާ ބެހެއްޓުމަށް ބަނދަރުގައި ވަކި ސަރަހައްދެއް ކަނޑައަޅައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ވަނީ ނިންމާފައެވެ.