މިލަންދޫ ވޮލީ ކޯޓާއި ފުޓްސަލް ދަނޑު ރައީސް ހުޅުއްވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
މިލަންދޫ ވޮލީ ކޯޓާއި ފުޓްސަލް ދަނޑު ރައީސް ހުޅުއްވައިދެއްވައިފި

ށ. މިލަންދޫގައި އަލަށް ތަރައްޤީކޮށްފައިވާ ވޮލީ ކޯޓާއި ފުޓްސަލް ދަނޑު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

މިލަންދޫ ވޮލީ ކޯޓަކީ ކުރީގެ ސަރުކާރުގެ ދައުރުގައި މަސައްކަތް ފެށި ނަމަވެސް، އެމަސައްކަތް ހުއްޓިފައި އޮތް މަޝްރޫއެކެވެ. މިހާރުގެ ސަރުކާރުން އެމަސައްކަތް އަލުން ފަށައި، އިތުރު ތަރައްޤީތަކާއެކު ވޮލީ ކޯޓުގެ މަސައްކަތް ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ނިންމާލާފައެވެ.

އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މި ވޮލީ ކޯޓުގައި ފެންސް ޖަހާފައިވުމާއެކު، ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް ކޯޓު ބޭނުންކުރެވޭނެ ގޮތަށް ލައިޓިންގ ސިސްޓަމެއް ވަނީ ޤާއިމްކޮށްފައެވެ.

މީގެއިތުރުން، މިލަންދޫ ފުޓްސަލް ދަނޑަކީވެސް ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ތަނެކެވެ. މި ދަނޑުގައި ރޮސްޓްރަމާއި، ޗޭންޖިންގ ރޫމާއި، އޮފީހެއްގެ އިތުރުން ލައިވް ރޫމަކާއި ރެފްރީންނަށް ޚާއްސަ ރޫމެއް ހިމެނެއެވެ.

މި ދެ ވަސީލަތް ތަރައްޤީކުރުމާއެކު، މިލަންދޫގެ ކުޅިވަރުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، ޒުވާނުންނަށް ކުޅިވަރުގެ ހަރަކާތްތައް ހިންގުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން