ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ށ.މިލަންދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މިއީ ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މި ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން އަނެއްކާވެސް އިތުރު ހަރުފަތަކަށް އެޅުނު ފިޔަވަޅެކެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ހުރިހާ އަތޮޅެއްގައި ޤާއިމްކުރުމަކީ މި ސަރުކާރުގެ އެއް ވަޢުދެވެ. މި ވަޢުދު ފުއްދުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
މިލަންދޫގައި މި ޚިދުމަތް ފެށުމާއެކު، އެ ސަރަޙައްދުގެ ރައްޔިތުންނަށް ޕާސްޕޯޓު ހެއްދުމަށް މާލެ އައުމުގެ ބުރަ އުފުލަން ނުޖެހި، ފަސޭހަކަމާއެކު މި ޚިދުމަތް ލިބިގެންދާނެއެވެ. މީގެ ކުރިން މި ޚިދުމަތް ހޯދުމަށް ރައްޔިތުން ޖެހެނީ މާލެ އައިސް ގިނަ ޚަރަދުތަކެއް ކުރަންޖެހޭ ގޮތް މެދުވެރިވާން އެވެ.
މި ޚިދުމަތް ފެށުމާއެކު މިލަންދޫ އަދި އެ ސަރަޙައްދުގެ ރަށްތަކުގެ ރައްޔިތުންނަށް ލުއިފަސޭހަވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.