މިލަންދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
މިލަންދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ށ. މިލަންދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިލަންދޫގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

134 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ނިންމުމަށް އާރްޑީސީއަށް 900 ދުވަހުގެ މުއްދަތެއް ދެވިފައިވެއެވެ. މި މަޝްރޫޢަކީ މިލަންދޫގެ މަގުތައް ތަރައްޤީކޮށް، ރަށުގެ އުމްރާނީ ވަޖުހު އިތުރަށް ފުރިހަމަކުރުމަށް ހިންގޭ މުހިންމު މަޝްރޫޢެކެވެ.

މިލަންދޫގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ވަނީ ކުރިން ނިމިފައެވެ. އަދި މި ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިމުމުން، މިލަންދޫގެ މަގުތަކުގެ ހާލަތު އިތުރަށް ރަނގަޅުވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުތަކެއް ޤާއިމްވެގެންދާނެއެވެ.

މިއަދު އޮންލައިން