ށ. މިލަންދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިލަންދޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު އެވެ.
މި މަޝްރޫޢަކީ ސަރުކާރުން ހަށިހެޔޮ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށް ރޭވިފައިވާ މުހިންމު މަޝްރޫޢެކެވެ. މިފަދަ ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރުމަކީ ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ހެއްކެކެވެ.
ސަރުކާރުގެ މުހިންމު އަމާޒެއްގެ ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިލަންދޫގައި މި ކޮމްޕްލެކްސް ގާއިމުކުރެވުމުން އެ ސަރަހައްދުގެ ޒުވާނުންނަށާއި ކުޅިވަރު ލޯބިވެރިންނަށް މީގެ ފައިދާ ކުރާނެ ކަމަށް ބެލެވެއެވެ.