އަންނަ އަހަރުގެ ބަޖެޓުން 500 މިލިޔަން ރުފިޔާ ޞިއްޙީ ދާއިރާއަށް، އަދި 500 މިލިޔަން ރުފިޔާ ތަޢުލީމީ ދާއިރާއަށް އެކަށައަޅާނަން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 43ސ
އަންނަ އަހަރުގެ ބަޖެޓުން 500 މިލިޔަން ރުފިޔާ ޞިއްޙީ ދާއިރާއަށް، އަދި 500 މިލިޔަން ރުފިޔާ ތަޢުލީމީ ދާއިރާއަށް އެކަށައަޅާނަން: ރައީސް

2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 500 މިލިޔަން ރުފިޔާ ޞިއްޙީ ދާއިރާއަށް، އަދި 500 މިލިޔަން ރުފިޔާ ތަޢުލީމީ ދާއިރާއަށް އެކަށައަޅުއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ތަރައްޤީގެ މަސައްކަތްތައް ކުރައްވަމުންގެންދަވާ ތަރުތީބަށް އިޝާރާތްކުރައްވައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ވެގެންދާނީ، ތަޢުލީމީ ދާއިރާ އާއި ޞިއްޙީ ދާއިރާއަށް މީގެ ކުރިން ނުދޭވަރަށް އިސްކަންދީފައިވާ ބަޖެޓަކަށްކަމުގައި ވިދާޅުވެފައެވެ. އަދި މި ދެ ދާއިރާގެ ތަރައްޤީ ކަށަވަރުކުރެއްވުމަށްޓަކައި، ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދަވާނޭ އައު މަޝްރޫޢުތަކެއް ބަޖެޓުގައި ހިމަނުއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، ތަޢުލީމީ ދާއިރާގައި ޚާއްޞަ ސަމާލުކަމެއް ދެއްވާނޭ ދެ ކަމެއް، އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއީ އިންކްލޫސިވް އެޑިއުކޭޝަނާއި މަތީ ސާނަވީ ތަޢުލީމު މުޅި ރާއްޖެއަށް ފުޅާކުރުމެވެ. ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ބޭނުންވާ އިންކްލޫސިވް ކްލާސްރޫމްތައް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޤާއިމުކުރެއްވުމުގެ މަސައްކަތާއި، ސްޕެޝަލް އެޑިއުކޭޝަން ދާއިރާއިން އިތުރު މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށްގެންދަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދަރިވަރުން ބޭނުންވާ ދާއިރާއަކުން މަތީ ސާނަވީ ފެންވަރަށް ކިޔެވޭނޭ ފުރުޞަތު ފަހިކޮށްދެއްވައި، އަންނަ އަހަރު ވޮކޭޝަނަލް ހައި ސްކޫލެއްވެސް ޤާއިމުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާއާށް އަލިއަޅުއްވާލައްވަމުން، ރާއްޖެއިން ބޭރަށް ގޮސް ހަދަންޖެހޭ ޓެސްޓުތަކާއި ސަރޖަރީތައް، ރާއްޖޭގައި ހެދޭނޭ މަގުފަހިކުރުމަށްޓަކައި، 2026 ވަނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މާލެ އާއި، ސަރަޙައްދީ ހޮސްޕިޓަލުތަކާއި، ވަކި ވަކި ރަށްތަކެއްގައި ޞިއްޙީ ޚިދުމަތް ފުޅާކުރެއްވުމަށް މަސައްކަތްތައް ކުރިއަށްގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް ކުރައްވާނީ ޕްރިވެންޓެޓިވް އަދި ކިއުރެޓިވް ހެލްތުކެއަރ އަށް ސަމާލުކަން ދެއްވައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިޖަލްސާގައި ވަނީ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އެއަޕޯޓުގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައިފައެވެ. ރައީސް ވިދާޅުވީ އެ މަޝްރޫޢު ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ރޭގަނޑު ފްލައިޓް ޖެއްސުމަށް ލައިޓް ހަރުކުރުމުގެ މަސައްކަތާއި ޒަމާނީ ފެންވަރުގެ ލައުންޖެއް ތަރައްޤީކުރުމާއި ރެސްޓޯރެންޓްހެދުމާއި ޓާމިނަލްގެ ފެންވަރު މަތިކުރުމުގެ އިތުރުން ބެލްޓް ހަރުކުރުން ފަދަކަންކަން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރޭގަނޑު ފްލައިޓް ޖެއްސުމަށްޓަކައި ލައިޓް ހަރުކުރުމުގެ މަސައްކަތް މިއަހަރު ނިމެންވާއިރަށް ފުރިހަމަކޮށްދެއްވާނެކަމަށެވެ. މީގެ އިތުރުން ދެވަނަ ފިޔަވަހީގެ ދަށުން ރަންވޭގެ ބޮޑުކުރުމަށްޓަކައި ފަންނީ ގޮތުން ގޮތުން ކުރަންހުރި މަސައްކަތްތައް ކުރަމުން ދަކަމަށެވެ.

މިއަދު އޮންލައިން