ރާއްޖޭގެ އިޤްތިޞާދު ވެއްޓިފައިވާ އަނދަވަޅުން ނަގާ ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތުގައި ކާމިޔާބީތައް އަންނަނީ ހާސިލްވަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަން ރައީސް ފާހަގަކުރެއްވީ ށ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފުނަދޫގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި މި ކާމިޔާބީތަކާއެކު ދަރަނި ދެއްކުމަށް އެއްވެސް ދައްޗެއް ކުރިމަތިނުވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ރާއްޖޭގެ އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމަށްވެސް އިރާދަކުރެއްވިއްޔާ މިދަނީ ކާމިޔާބީތައް ހޯދަމުން. އެއްގޮތަަކަށްވެސް އަޅުގަނޑުމެންގެ ތެރޭގައި މިހާރު ކަންބޮޑުވުންއޮތްކަމެއް ނޫން މިއަންނަ އަހަރު ދައްކަންޖެހޭ ދަރަނި ދެއްކުމުގެ ކަންތައްތައް ކުރިއަށްގެންދިއުމުގައި. އެއްވެސް ކަމެއްގަ އެއްވެސް ދައްޗެއް ނެތް. އަޅުގަނޑުމެންގެ ޕްލޭނާއި އެއްގޮތަށް ހުރިހާ ކަމެއްވެސް ތަރުތީބުވެފައި ހުރީ," ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކުރީގެ ސަރުކާރުން ރައްޔިތުންނަށް ދަރާފައިވާ ބިލުތަކަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ. މިގޮތުން، ވޭތުވެދިޔަ 30 ދުވަހުގެ ތެރޭގައި އައިސްފައިވާ ބިލުތައް ފިޔަވައި، ޑިއު ޕްރޮސެސްގެ ތެރެއިން އައިސްފައިވާ ހުރިހާ ބިލަކަށް ފައިސާ ދޫކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މި ވާހަކަފުޅުތަކުން ދޭހަވަނީ ސަރުކާރުން އިޤްތިޞާދީ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާކަމާއި، ޚާއްޞަކޮށް ދަރަނި އަދާކުރުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެކަމުގެ ޔަޤީންކަން ސަރުކާރަށް އޮތްކަމެވެ.