ށ. ފުނަދޫ އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢު މިއަދު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ. އެމަނިކުފާނު މިވަގުތު ވަނީ ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިން ފުނަދޫއަށް ވަޑައިގެންފައެވެ. މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައިވަނީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ.
2020 ވަނަ އަހަރު ހުޅުވުނު ފުނަދޫ އެއަރޕޯޓަކީ ށ. އަތޮޅުގައި ޤާއިމްކުރެވިފައިވާ ހަމައެކަނި އެއަރޕޯޓެވެ. މި އެއަރޕޯޓުގައި 1200 މީޓަރުގެ ދިގުމިނާއި 30 މީޓަރުގެ ފުޅާމިނުގެ ރަންވޭއެއް ތަރައްޤީކޮށްފައިވެއެވެ.
އެއަރޕޯޓުގެ ޓެކްސީވޭގެ ދިގުމިނުގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނުގައި 50 މީޓަރު އަދި ދިގުމިނުގައި 150 މީޓަރު ހުރެއެވެ. މި މަޝްރޫޢުގެ ދަށުން އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީކުރެވިގެންދާނެއެވެ.
މި މަޝްރޫޢު އެމްއޭސީއެލްއާ ހަވާލުކުރެވުމާއެކު، އެ ކުންފުނީގެ ބެލުމުގެ ދަށުން ހިންގާ އެއަރޕޯޓުތަކުގެ އަދަދު އިތުރުވެގެންދާނެއެވެ. އަދި މީގެ ސަބަބުން އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.