ފިރުއަޢުނާއި ނަމްރޫޛް ފަދަ މީސްމީހުން ކޮށްއުޅުނު ފަދަ ނުބައި ޢަމަލުތަކުގެ ބޮޑު ކަމުން މިއަދާއި ހަމައަށް ބެލި ނަމަވެސް އެއިން މީހަކާއި އެއްވަރާއި ގާތަށްވެސް ނުބައި އަމަލުތައް ކުރެވުނު މީހަކު ނެތެވެ. އެމީހުން އެ ހުރިހާ ނުބައި އަމަލުތައް ކުރަމުން ގެންދިއައިރުވެސް ﷲ ތައާލާ ކެތްތެރިވެވޮޑިގެންނެވިއެވެ. ނަމަވެސް ހިއްޕަވަން މިންވަރުފުޅު ކުރެއްވެވުމުން އެމީހުންގެ ނިމުން ވެގެންދިއައީ އިންތިހާއަށް ވޭން ހުރި ނިމުމަކަށެވެ.
ވީމާ މިއަދު ފާފަތައް ކުރަމުން ގެންދާ މީހުންވެސް ވިސްނައިލަންވީ މިކަންކަމަށެވެ. އެމީހުން ކުރަމުން ގެންދާ ހުރިހާ ޢަމަލުތަކެއް 7 އުޑުމަތިން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ހަމަ އެންމެ ކަމެއްވެސް، ކިތަންމެ ކުޑަކުޑަ ކަމެއް ނަމަވެސް ވަންހަނާއެއް ނުކުރެވޭނެއެވެ. ހަމަ އެއާއިއެކު އެމީހަކަށް ހިތްދަތި، ވޭންހުރި ހިއްޕެވުމަކުން ހިއްޕަވަން އިރާދަކުރައްވަވައިފިނަމަ ހަމަވަގުތުން ހިއްޕަވާނެކަމެވެ.
މީސްތަކުންނޭވެ! ﷲ ތައާލާއީ ފިރުއަޢުނުގެ ބިޔަ ލަޝްކަރުގެ ކުރިމަތީގައި މުސްލިމުންގެ ލަޝްކަރު ޙިމާޔަތްކުރައްވަވައި އެ އެންމެން ސަލާމަތްކޮށްދެއްވެވި ރަސްކަލާނގެއެވެ. ﷲ ތަޢާލާއީ ﷲ ތައާލާއަށް އީމާންވެވަޑައިގަންނަވާ ހަމައެކަނި އިންސާނަކީ އިބްރާހީމްގެފާނު ކަމުގައި ވެފައިވަނިކޮށް އިސްލާމީ އުންމަތެއް އުފެއްދެވި ރަސްކަލާނގެއެވެ. ﷲ ތަޢާލާއީ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އަށް ދުޝްމިނުން ކަމުގައިވީ އެތައް ހާސްބައަކީ އިތުރު ރަސޫލާ (ﷺ) އަށް ނަޞްރު ދޭ ބައަކު ކަމުގައި ލެއްވެވި ރަސްކަލާނގެއެވެ.
ބައަކު އިސްލާމް ދީނާއި ކިތަންމެ ވަރަކަށް ދެކޮޅު ހެދި ނަމަވެސް އަދި ކިތަންމެ ގިނަ ފާފަތަކެއް ކުރި ނަމަވެސް އެކަމެއްގެ ދެރަ އޮތީ އެމީހަކަށެވެ. ﷲ ތައާލާ އިސްލާމް ދީން ޙިމާޔަތްކުރައްވަވާނެއެވެ. އަދި މަތިވެރިވެސް ކުރައްވަވާނެއެވެ. ޤިޔާމަތާއި ހަމައަށް ކީރިތި ޤްރުއާން ދަމަހައްޓަވާނެތެވެ.
ﷲ ތައާލާގެ ޢަދުލުވެރިވަންތަކަމަށް ނިކަން ވިސްނައިލަބަލާށެވެ! މިދުނިޔޭގައި ﷲ ތަޢާލާއަށް އުރެދި ނުކިޔަމަންތެރިވީ އަޅުންނަށް ޤިޔާމަތް ދުވަހު އެމީހުންނަށް އިންޞާފު ލިބޭ ކަމަށް ވަކާލާތު ކުރުމުގެ ފުރުޞަތު ދެއްވަވާނެތެވެ. އެމީހުން ނުކިޔަމަންތެރިވީކަމަށް އެމީހުންގެ ގުނަވަންތަކުން ހެކިދެމުން ގެންދާއިރުވެސް މެއެވެ. އެކަން އެމީހުންގެ ފަތުގައި މަލާއިކަތުން ލިޔުއްވަވާފައިވާއިރުވެސް މެއެވެ. އެމީހުން ކުރި ހުރިހާ ފާފަތަކެއް ކުރީ ﷲ ތަޢާލާ ދެކެދެނޮވޮޑިގެންވާ ޙާލުގައި ކަމަށްވާއިރުވެސް މެއެވެ.
އަދި އެވަރުންވެސް ފުއްދަވައި ލައްވަވަނީއެއް ނޫނެވެ. އެމީހަކީ ކުށްވެރިއެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ފުރުޞަތު އެމީހަކަށް ދެއްވަވައެވެ. އެހެންކަމުން ނަރަކައިގައި އަނދައަނދައި އޮތުމަށް ކޮންމެ މީހަކުވެސް ނަރަކައަށް ވަންނާނީ އެމީހަކީ ކުށްވެރިއެއް ކަމަށް ޤަބޫލުކުރާ ހާލުގައެވެ.
ދުނިޔޭގައި ކަން ހިނގާ ގޮތަށް ނިކަން ބަލައިލަބަލާށެވެ! ތިއަ ބުނާ އެންމެ ބޮޑު ޑިމޮކްރަސީކުގައި ކުރާ ޝަރީޢަތްތަކަށް ނިކަން ވިސްނައިލަބަލާށެވެ! ހެކި އެބަހުއްޓެވެ. ކޯޓުގައި އެންމެންގެ ޙާޟިރުގައި އެމީހާ ދަނީ ކުށަށް އިޢްތިރާފްވަމުންނެވެ. އެހާލަތުގައި އެމީހަކީ ކުށްވެރިއެއްކަން ނުވަތަ ކުށްވެރިއެއް ނޫންކަން ކަނޑައެޅުމުގެ ފުރުޞަތު އެމީހާއަށް ދޭނީ ކޮން ކޯޓެއްގައި ހެއްޔެވެ؟ ކޮން ފަނޑިޔާރެއް ހެއްޔެވެ؟
ވީމާ ﷲ ތަޢާލާގެ އަދުވެރިވަންތަކަމާއި އިންސާފުވެރިވަންތަކަމަށް ބަލައިވެސް އަހަރެމެންގެ އަމަލުތައް އިޞްލާޙްކުރަން ނުޖެހޭ ހެއްޔެވެ؟ ފާފަތައް ކުރުން ހުއްޓައިލަން ނުޖެހޭ ހެއްޔެވެ؟
- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން