ހެޔޮކަމެއް ކުރުމުގެ ބޭނުމުގައި މީހުންނަށް އެހީތެރިވާ މީހުންނަށް ނުވިސްނޭ ނުވަތަ އިތުރަށް ވިސްނާލަންޖެހޭ ކަމެއް އެބައޮތެވެ. އެއީ މީސްތަކުންނަށް އެންމެ ހެޔޮކޮށް ހިއްތެވި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިޙަދީޘްފުޅެވެ.
"އެންމެ މަތިވެރި މީހަކީ އެމީހެއްގެ އަހުލުވެރިންނަށް (އަނބިންނަށް، އަނބިދަރިންނަށް، އެމީހަކު ބަލަންޖެހޭ އެންމެންނަށް، ޢާއިލާއަށް) އެންމެ ހެޔޮ މީހާ" ކަމަށާއި އަދި ތިމަންކަލޭގެފާނަކީ (އެމީހުންނަށް) އެންމެ ހެޔޮ މީހާ" ކަމަށް ކުރައްވަވާފައިވާ ޙަދީޘްފުޅެވެ. މިޙަދީޘްފުޅު ހަމައެކަނި އަނބިމީހާއަށް ނިޞްބަތްކޮށްގެންވެސް ގިނަ ބައަކު މާނަކުރެއެވެ.
މިވާހަކަ ތަކުރާރުކުރަން މިޖެހެނީ އަމިއްލަ ޢާއިލާއަށް ހެޔޮވުމުގައި ގިނަބައަކު އިހްމާލްވާތީއެވެ. އަމިއްލަ ޢާއިލާއަށް އެހީތެރި ނުވެ، ނުވަތަ އަމިއްލަ ޢާއިލާއަށް އެހީތެރިވާ ވަރަށްވުރެ ބޮޑަށް އެހެން މީހުންނަށް އެހީތެރިވާތީއެވެ. މިއީ އެއްވެސް ޙާލެއްގައި އެކަންކުރަން އޮތްގޮތެއް ނޫނެވެ.
އަހުރެން ބުނާނީ އަމިއްލަ ޢާއިލާއަށް އެހީތެރިވުމަކީ ވާޖިބެއް ކަމުގައިވާއިރު ފުރަތަމަ ކަމަކަށް ކުރަން އޮތް ކަމަކީ ވާޖިބް އަދާކުރުން ކަމުގައެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބަށް އެދިގެން އަމިއްލަ ޢާއިލާއަށް ކުރާ ހޭދައަކީ ޞަދަޤާތެއް ކަމުގައިވެސް ވަނީ ލައްވަވައިފައެވެ. އެއިގެ އިތުރުން އަނބިމީހާއަށް ކާންދޭ ބަތްސުވާވެސްމެއެވެ.
އަހުރެމެންގެ ތެރޭގައި އިޖުތިމާޢީ މައްސަލަތައް ގިނަވެގެން މިއުޅޭ އެންމެ ބޮޑު އެއް ސަބަބަކީވެސް ޢާއިލީ ގުޅުންތަކަށް ސަމާލުކަން ދެވޭމިންވަރު ކުޑަވުމެވެ. އަމިއްލަ ޢާއިލާއަށް އަޅާލަންޖެހޭ މިންވަރުކުޑަވެގެން ދިއުމެވެ. އެހީތެރިކަން ފޯރުކޮށްދިނުމުގައި އިހްމާލްވެވުމެވެ.
ކޮންމެ ކަމެއް ކުރިނަމަވެސް އެކަމަކުން ފައިދާކުރާނީ ދީނުގައި އޮތް ގޮތަށް ކުރުމުންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ޘަވާބު ލިބޭނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން