ދެމަފިރިން އެކަކު އަނެކަކަށް ކަމަށްވިޔަސް، އަދި ޢާއިލާގެ އެންމެންގެ މެދުގައިވެސް ޢާންމުކޮށް އެންމެންނާއިމެދުގައިވެސް ޢަމަލުކުރަންޖެހޭ ކަންތައްތަކެއް ވެއެވެ. އަހުރެން މިބުނެދޭ 3 ކަމަކީ އެއިން ކޮންމެ ކަމެއް ކުރުމުންވެސް ޘަވާބު ދެއްވަވާނެ ކަންކަމެވެ. އަދި ނުކުރަން މިބުނަނީ ކުރުމުން ޢަޛާބު ދެއްވާނެ ކަންކަމެވެ.
އެ 3 ކަމަކީ:
1- މީހަކަށް ފައިދާއެއް ކޮށްދެވޭނެ ނަމަ އެކަން ކޮށްދޭށެވެ! ކޮށްނުދެވޭނެނަމަ އެންމެ ކޫޑަމިނުން އޭނާއަށް ގެއްލުމެއް ނުދޭށެވެ!
2- އަނެކާއަށް އުފާވެރިކަން ލިބޭނެ ކަމެއް ކޮށްދެވެން އޮތްނަމަ އެކަމެއް ކޮށްދޭށެވެ! ނެތްނަމަ އެންމެ ކުޑަމިނުން އޭނާ ދެރަކޮށް ހިތުގައި ނުޖައްސުވާށެވެ!
3- އަނެކާއަށް ފައިދާކުރާނެ ބަހެއް ބުނެވެންނަމަ އެބަހެއް ބުނާށެވެ! ބުނެވެން ނެތްނަމަ އެންމެ ކުޑަމިނުން އޭނާގެ ނުބައި ވާހަކަ ނުދައްކާށެވެ!
މިއަދު އަހުރެމެންނަށް މިފެންނަނީ މިނަޞީޙަތުގެ ދިމާ އިދިކޮޅަށް ކަންކަން ކުރެވޭތަނެވެ. މީހަކަށް ފައިދާއެއް ކޮށްނުދެވޭއިރު އޭނާއަށް ގެއްލުންދޭތަނެވެ. އަނެކާއަށް އުފާވެރިކަން ލިބޭނެ ކަމެއް ކޮށްނުދެވޭއިރު ހިތުގައި ޖައްސުވާތަނެވެ. އަދި އަނެކާއަށް ފައިދާކުރާނެ ބަހެއް ނުބުނެވޭއިރު ދޮގުހަދައިގެންވެސް އޭނާގެ ނުބައި ވާހަކަ ދައްކާތަނެވެ.
މިއީ މުސްލިމުންގެ މެދުގައި ކަންކަން ހުރެގެންވާނެ ގޮތެއް ނޫނެވެ. މިހުރީ ދެމްފިރިންގެ ގުޅުމުގެ އިތުރުން ޢާއިލީ ގުޅުމާއި އެކުވެރިކަމުގެ ގުޅުމާއި އަދި މުސްލިމުން ކަމުގައިވީތީ އަދާކުރަންޖެހޭ ގުޅުން ދަމަހައްޓަންވެސް ސަމާލުކަންޑޭންޖެހޭނެ ކަންކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން