މި ތިން ކަންތަކުގަ ތިބާ ޘާބިތުވެއްޖެނަމަ ތިބާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ހެޔޮރަޙްމަތް ލައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
މި ތިން ކަންތަކުގަ ތިބާ ޘާބިތުވެއްޖެނަމަ ތިބާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ހެޔޮރަޙްމަތް ލައްވަވާނެ! އިން ޝާ ﷲ

ކިތަންމެ ކުޑަކަމެއް ކުރަން ބުނިނަމަވެސް އެއީ ބުރަކަމެއް ކަމަށް ދެކޭނެ ބައަކު ތިބޭނެއެވެ. ތިމާގެ ބޭނުންތައް ފުއްދަން އަތުންފައިން މަސައްކަތްކުރަންޖެހުމަކީވެސް ބުރަކަމެއްކަމަށް ދެކޭ މީހުން އުޅެނީ އެހެންވެގެންނެވެ. ކުރަންޖެހޭ ކަންކަން ބުރަކަމަކަށް ނުވާނީ އެކަމެއް ކުރުމުން ތިމާއަށް ކުރާނެ ފައިދާ ވިސްނޭ މީހުންނަށެވެ. 

ކޮންމެ މީހަކަށްވެސް އެންމެ ބޮޑު ފައިދާއެއް ކުރާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބުމުންނެވެ. އަހުރެން ބުނެދޭން މަސައްކަތްމިކުރަނީ ތިމާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެން އޮތް 3 ކަމެކެވެ. މިއީ ކުރަން ބުރަ ކަންކަމެއް ނޫނެވެ. ބޭނުންވާނީ ހިތްވަރާއި ޢަޒުމެވެ. 

ފުރަތަމަ ކަމަކަށް ބަންގިދިނުމުން ނަމާދުކުރަން އަވަސްވެގަންނާށެވެ! ކުރާ ފުރަތަމަ ކަމަކަށް ނަމާދުކުރުން ހަދާށެވެ! ނަމާދުކުރާއިރު ހަމައެކަނި ނަމާދަށް ސަމާލުކަންދީގެން ނަމާދުކުރާށެވެ! ނަމާދުން ލިބެން އޮތް ޘަވާބު އެންމެ ފިރިހަމައަށް ލިބިގަތުމަށް މަސައްކަތްކުރާށެވެ. 

ދެވަނަ ކަމަކަށް މީހަކު ތިބާގެ ޙައްޤަކަށް އަރައިގަތީއެވެ. އެއްޗެއް އަތުލައިގަތީއެވެ. ތިބާއަށް ލިބެން އޮތް ނިޢުމަތަކަށް ހުރަސް އަޅަން މަސައްކަތްކުރީއެވެ. އަޅައިވެސް ނުލައި އޭނާއަށްޓަކައި ހެޔޮދުޢާކޮށްލާށެވެ! "ޔާ ﷲ! މިއަޅާ އޭނާއަށް މާފުކޮށްފީމެވެ. މިއަޅާއަށް ހެޔޮ ގޮތް މިންވަރުކުރައްވަވާނދޭވެ! އާމީން" 

ތިންވަނަކަމަކަށް ގިނަ ބައެއްގެ ތެރޭގައި ތިބާ ހުއްޓައި މީހަކު އައިސް ތިބާ ރުޅިއަރުވާލަން މަސައްކަތްކޮށްފިނަމަ އެތަނުގައި ތިބި އެންމެންވެސް އުންމީދުކުރާނީ ތިބާ އެމީހަކަށް ރައްދުދޭނެކަމަށެވެ. ނަމަވެސް ރައްދުނުދީ ބުނެލާށެވެ. "އެކުވެރިޔާއަށް ﷲ ހެޔޮ ޖަޒާދެއްވާށިއެވެ. އަހުރެންނަށް ދޭނެ ހެޔޮ ނަޞޭޙަތެއް އެބައޮތް ހެއްޔެވެ؟" 

މި 3 ކަންތަކުގައި ތިބާ ޘާބިތުވެ ހުރެއްޖެނަމަ ތިބާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެއެވެ. ދުނިޔެއާއި އާޚިރަތްވެސް އެމީހަކަށް އުފާވެރިކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ 

އެކަމަކު ބުނަންހެއްޔެވެ؟ މި 3 ކަންތައްވެސް ކުރެވޭނީ ވަރަށް ހިތްވަރުގަދަ މީހުންނަށެވެ. އެކަންކަން ކުރަން ފިސާރި ޢަޒުމާއިއެކު މަސައްކަތްކުރާ މީހުންނަށެވެ. ވީމާ ފުރަތަމަކަމަކަށް އޮތީ އެފަދަ މީހަކަށްވުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން