އެއްވެސް ކަމަކާއި ގުޅިގެން މީހެއްގެ ޝަޚްޞިއްޔަތު ނުވަތަ އަޚްލާޤް ބަލައިލަން ބޭނުންނަމަ ފުރަތަމަ ކަމަކަށް އޭނާއަށް އެމީހެއްގެ ކިބައިން އެއްވެސް ފައިދާއެއް ނުވާނެ މީހުންނާއިމެދު ޢަމަލުކުރާ ގޮތް ބަލައިލާށެވެ. އަދި އޭނާ ދައްކާ ވާހަކަތަކަށް ނުބަލައި ކަންކަމުގައި އޭނާ ޢަމަލުކުރާ ގޮތަށް ބަލާށެވެ!
ދެން އޭނާއަށް ދަތި އުނދަގޫކަމެއް ނުވަތަ ހިތްހަމަނުޖެހޭ ކަމެއް ކުރިމަތިވުމުން އޭނާ ޢަމަލުކުރާ ގޮތަށް ބަލާށެވެ. އެކަމަށް އޭނާ ކެތްތެރިވާ މިންވަރަށް ރަނގަޅަށް ބަލަންވާނެއެވެ.
އަހުރެމެންނަށް ގިނަ ފަހަރަށް ކަންކަން ކުރެވޭ ގޮތަކީ މިކަންކަމަށް ނުބަލައި މީހުންލައިގެންތިބޭ ހެދުމަށާއި އޭނާ ދައްކާ ވާހަކަތަކަށް ބެލެނީއެވެ. އެއިން އެއްވެސް ކަމަކުން އޭނާގެ އަޚްލާޤެއް ނުއެނގޭނެއެވެ. އަޚްލާޤް އެނގޭނީ މިބުނި ކަންކަމަށް ބަލައިގެންނެވެ.
އަދި އެއްވާހަކަ ބުނެލާނަމެވެ. މީހާއަކީ އެހެން މީހުންނަށް ރަޙުމްކުރާ އޯގާތެރިއަކުކަން ބަލައިލަން ބޭނުންނަމަ އޭނާގެ އަނބިދަރިންނަށާއި ޢާއިލާގެ މީހުންނާއިމެދު ކަންކަންކުރާ ގޮތަށް ބަލާށެވެ. ކައިވެނި ރޫޅިފައިވާނަމަ އޭނާގެ ދަރިންނަށް ކަންކަން ކުރާ ގޮތް ބަލާށެވެ! މުވައްޒިފުން ގެންގުޅޭ މީހަކު ނަމަ ގެންގުޅޭ މުވައްޒިފުންނާއިމެދު ޢަމަލުކުރާގޮތަށްވެސް ބަލަންވާނެއެވެ.
މިކަންކަމަށް ނުބަލައި މީހަކާއި އެކުވެރިކަން އުފެއްދިނަމަވެސް އަދި ކައިވެނިކުރިނަމަވެސް ދާދިއަވަހަށް މައްސަލަ ޖެހުން އޮންނާނީ ދާދިގާތުގައެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން