އަހުރެންގެ އަޞްލު ވާހަކަކޮޅު ބުނުމުގެ ކުރިން ކުޑަޙާދިސާއެއް ކިޔައިދޭނަމެވެ. އަނބިމީހާއަކީ މޭކަޕްކުރާ އަންހެނެއް ނޫނެވެ. ނަމަވެސް ރީތިވެ ރީތި ހެދުންލައެވެ. އެކަމަކުވެސް ފިރިމީހާގެ ސަމާލުކަމެއް ނުލިބެއެވެ. ފިރިމީހާ ގޭގައި އިނދެގެންވެސް ސޯޝަލް މީދިއާ ބަލައި ރީތި އަންހެނުންނަށް ސަމާލުކަންދޭކަންވެސް އެނގެއެވެ.
އަނބިމީހާ އޭނާގެ ހަޔާތުގައި ފުރަތަމަ ފަހަރަށް މޭކަޕަކުރިއެވެ. ސަޅި ސެލްފީއެއް ނަގައި ވަގު އެކައުންޓެއް ހުޅުވައި ޕޯސްޓްކޮށްލިއެވެ. އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ. އެކަމަކު ޗެޓްކުރީ ފިރިމީހާއާއި އެކަންޏެވެ.
ދެމީހުންގެ މެދުގައި ގުޅުން ބަދަހިވަމުން އައިސް ބައްދަލުކުރާ ހިސާބަށް ބައްދަލުކުރަން ރެސްޓޯރަންޓަކަށްދާން ފިރިމީހާ ދަޢުވަތުދިނީމާ ޤަބޫލުކުރިއެވެ. ފިރިމީހާ ދިއުމުން ބައްދަލުކުރިއެވެ. ބައްދަލުވުމާއިއެކު ލޯބީގެ އެތައް ވާހަކަތަކެއް ދެއްކިއެވެ. އަނބިމީހާ އަނގައިން ނުބުނެ އިނދެފައި ތެދުވެގެންގޮސް މޭކަޕްތައް ދޮވެލައި އިސްތަށިގަނޑި ނިއުޅާލައިގެން އަޞްލު ސިފައިގައި އައިސް ކުރިމަތީގައި އިށީނުމުން ފިރިމީހާ ދިއައީ ސިއްސައިގެންނެވެ. އަވާމެންދުރު ފިލައި މިވީ ގޮތް ވިސްނުނީ އެހިސާބުންނެވެ.
އަނގައިންވެސް ނުބުނެ އިންނަން ފެށީމާ އަނބިމީހާ ބުންޏެވެ. "އެބާބު ނިމުނީއެވެ. އެކުގައި އުޅެން ބޭނުންވާނަމަ އިޞްލާޙްވާށެވެ! އިތުރަކަށް ޝަކުވާއެއްވެސް ނުކުރާނަމެވެ."
ދެން އަޑުއަހާށެވެ!
އަތުގައި ސްމާޓްފޯނެއް ނުގެންގުޅޭ މީހަކު މަދެވެ. އަތުގައި ސްމާޓް ފޯނެއް އޮތްނަމަ މިއަދު އެންމެންހެން ސޯޝަލް މީޑިއާގައި ޙަރަކާތްތެރިވެއެވެ. އެކިމީހުން އެކިވަރަށެވެ. އެންމެ ގިނައިން ކުރަނީ ކޮންކަމެއް ހެއްޔެވެ؟ އަހުރެންނަކަށް ނުއެނގެއެވެ. ނަމަވެސް ދިރާސާކުރާ މީހުން ބުނާ ގޮތުގައި އެންމެ ގިނަ ބައަކު ކުރާކަމަކީ ރީތި އަންހެނުންލާ ފޮޓޯތަކާއި ވީޑިއޯތަކަށް ލައިކްކުރުމެވެ.
އެހެންކަމަށްވާނަމަ ގިނައިން އެކަންކުރާނީ ފިރިހެނުންތާއެވެ. އެހެންކަމަށްވާނަމަ އެމީހުން އެކޮމެންޓްކުރަނީ ފެންނަ ފޮޓޯތަކަށެވެ. މަންޒަރަށެވެ. އަޞްލު މީހާ ނުވެސް ފެނިހުރެއެވެ. މިހިސާބުން އަހުރެންގެ ސުވާލަކީ ތިބާގެ އަނބިމީހާ ތިބާއަށްޓަކައި ރީތިވެ ނަލަހެދިގެން ހުއްޓައި ތިބާގެ ލޮލަށް ފެނުމުން ތަޢްރީފްގެ ބަހެއް ނުބުނަނީ ކީއްވެގެން ހެއްޔެވެ؟
ހެޔޮ ވިސްނޭ އަނބިންނަކީ ސޯޝަލް މީޑިއާއަށް ފޮޓޯލައި އުޅޭ ބައެއް ނޫނެވެ. އެއީ އެމީހުންނަށްވެސް ނުލެވޭނެތީއެއް ނޫނެވެ. ފިރިމީހާ ނޫން މީހަކަށް އެމީހުންގެ ރީތިކަން ނުވަތަ ސިފަ ދައްކަން ބޭނުންނުވާތީއެވެ. އެމީހުން ތިބޭނީ ފިރިމީހާގެ ކިބައިން ތައްރީފްގެ ބަހަކަށް އިންތިޒާރުކޮށްގެންނެވެ. އެކަމަށް އިންތިޒާރުކޮށްގެން ތިބޭއިރު ފިރިމީހާގެ ކިބައިން އެފަދަ ބަހެއް ނުލިބޭނަމަ މާޔޫސްވެ ދެރަވާނެ މިންވަރަށް ވިސްނައިލާށެވެ.
ދެމަފިރިން އެކަކު އަނެކަކަށް ޝުކުރުއަދާކުރުމާއި ތަޢްރީފްކުރުމަކީ ދެމީހުންގެ މެދުގައި މައްސަލަތައް މަދުވެ ލޯބިއިތުރުވެގެންދާ ކަމެކެވެ. އަދި ގުޅުންބަދަހިވެގެންދާ އެންމެ ބޮޑު އެއް ސަބަބެވެ.
އަހުރެންނަށް ފެންނަ ގޮތުގައި ސޯޝަލް މީޑިއާއިން ފެންނަ ފޮޓޯތަކަށް ލައިކްކުރުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެއީ ކުރެވޭ ބޭކާރު ކަމެކެވެ. އެއިގެ ބަދަލުގައި ތިމާގެ އަނބިމީހާއަށް ތައްރީފްގެ ބަހެއް ބުނެލުމަކީ އެކަމުން ތިމާގެ ޒަވާޖީ ޙަޔާތަށް ބޮޑު ފައިދާކުރާނެ ކަމެކެވެ.
އަހުރެންމެ މިބަސްކޮޅު ފިރިންނަށް އަމާޒުކުރިނަމަވެސް ހަމަ މިގޮތަށް ކަންކަންކުރާ އަނބިންވެސް މަދެއް ނޫނެވެ. އަހުރެން މިއުޅެނީ އަނބިން ނުވަތަ ފިރިން ކުށްވެރިކުރާކަށް ނޫނެވެ. އަހުރެންގެ ބޭނުމަކީ ދެމަފިރިންވެސް މިމައްސަލައަށް ވިސްނައި ޢަމަލުތައް އިޞްލާޙްކުރުމެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން